ކުރީގެ ނައިބު ރައީސް އަދި އޮފްޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލަން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޖިހާދުގެ މައްޗަށް އުފުލާފައިވާ "ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ" ބޭރުކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިއްޔެ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ރިޔާސީ ދައުރުގައި އެންމެ ފަހުން ނައިބު ރައީސަކަށް ހުންނެވި ޖިހާދުގެ މައްޗަށް އެ ދައުވާ ދައުލަތުން އުފުލީ، އެ ވެރިކަމުގައި އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސޮއިކުރެއްވި މައްސަލާގަ އެވެ.
އެއިރު ސަރުކާރުން ސޮއި ކުރީ ޖޮއިންޓް ވެންޗާ އެގްރިމެންޓެއްގައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެވެ. ޖިހާދު ސޮއި ކުރެއްވި އެގްރީމެންޓުގައި ސަރުކާރުގެ ހިއްސާގެ ގޮތުގައި އޮތީ 25 ޕަސެންޓެވެ. އެކަމަކު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގައި ގޮތުގައި ތަރައްގީ ކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 ޕަސެންޓު ހިއްސާ އޮންނަން ޖެހޭނެ ކަމަށް ނެޝަނަލް ޕްލޭނިން ކައުންސިލުން އޮތީ ލަފާ ދީފަ އެވެ.
މި މައްސަލާގައި ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ނުބެލޭނެ ކަމަށް ނިންމީ ދައުވާއެއްގައި ހުންނަން ޖެހޭ އަސާސީ ކަންކަމާއި ތަހުގީގު ފުރިހަމަ ނުވާ ކަމަށް ކަނޑައަޅައިފަ އެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ފާހަގަ ކުރެއްވި ކަމަކީ އެންޓި ކޮރަޕްޝަން (އޭސީސީ) އިން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް އަލުން ތަހުގީގު ކުރާއިރު އަދި ރިޔާސީ ކޮމިޝަނަކުން ތަހުގީގު ކުރާއިރު ސަބަބު ބުނެދޭން ޖެހޭ ކަމަށެވެ. އެކަމަކު ދައުލަތަށް އެ ކަން ބުނެނުދެވޭ ކަމަށް ޝަރީއަތުން ނިންމި އެވެ.
މި މައްސަލައިގައި ލިބުނު ކަމަށް ބުނާ އާ ހެއްކަކީ ވެސް ޖުލައި، 2022، ގައި އަދީބު ތަހުގީގަށް ދީފައިވާ ބަޔާނެވެ. ނަމަވެސް އަދީބު ދައްކަވާ ވާހަކަތަކުގެ ތެދާއި ދޮގު ޔަގީން ކުރަން ތަހުގީގުން ކުރި ކަމެއް ދައުލަތަށް ބުނެދެވިފައި ނެތް ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.
ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ޖިހާދު ހުންނެވިއިރު ދިރިއުޅުއްވި ރެހެންދި-3 ފްލެޓު ހުސް ނުކުރި މައްސަލައިގައި ވެސް ދައުލަތުން ސިވިލް ކޯޓުގައި އޭނާގެ މައްޗަށް ދައުވާއެއް އުފުލި އެވެ. ނަމަވެސް މި ސަރުކާރުން ޖެނުއަރީ، 2024، ގައި ވަނީ އެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.
ޖިހާދަކީ ވެރިކަން ހިންގާ ޕީއެންސީ/ޕީޕީއެމް އިއްތިހާދުގެ މެންބަރެކެވެ. އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތީ ސެޕްޓެމްބަރު 23، 2023، ގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިފައި އޮއްވަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގަ އެވެ.













