ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އަށް މަސްވީއިރު ހާމަނުކޮށް އޮތް ރައީސް އޮފީހުގެ މުވައްޒަފުންގެ އަދަދު ހާމަކޮށް، އެ އޮފީހުގައި ތިބީ 345 މުވައްޒަފުން ކަމަށް ބުނެފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި މުސާރަތަކާއި އިނާޔަތްތައް ހިމެނޭހެން އާންމުކޮށްފައިވަނީ އޮގަސްޓު 6، އާ ހަމައަށް އެ އޮފީހުގައި ތިބި މުވައްޒަފުންގެ އަދަދެވެ. މީގެ ތެރޭގައި ރައީސް އިން ފެށިގެން އޮފީހުގެ ހުރިހާ ސްޓާފުން ހިމެނެ އެވެ.
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ރައީސް އޮފީހުންގެ މުވައްޒަފުންގެ އަދަދު މިހާތަނަށް އޮތީ ސިއްރުކޮށްފަ އެވެ. އެކި ފަހަރުމަތިން އަމިއްލަ ފަރާތްތަކުންނާއި ނޫސްވެރިން އެ މައުލޫމާތު ހޯދުމަށް އާރުޓީއައި ހުށަހެޅި ނަމަވެސް ރައީސް އޮފީހުން މައުލޫމާތުދޭން ވަނީ ދެކޮޅުހަދާފަ އެވެ.
ރައީސް އޮފީހުގެ މުސާރައާއި އިނާޔަތްތައް
- މުސާރަ - މަހަކު 4,110,173ރ.
- ޕެންޝަން - މަހަކު 290,724.56ރ.
- ލިވިން އެލަވަންސް - 1،437،000ރ.
- އެކްސްކްލޫސިވް ޖޮބް އެލަވަންސް - 1.008,947.75ރ،
- ސާވިސް އެލަވަންސް - 509،500ރ.
- ސްޕެޝަލް އެލަވަންސް - 119،000ރ.
- ކޮލިފިކޭޝަން އެލަވަންސް - 537،000ރ.
- އެޑްމިން އެލަވަންސް - 100،250ރ.
- އެކްސިލިއަރީ އެލަވަންސް - 41،300ރ.
- ފުޑް އެލަވަންސް - 7،200ރ.
- ކާރު އެލަވަންސް - 52،500ރ.
- ފޯނު އެލަވަންސް -49،870ރ.
މި މައުލޫމާތަށް ބަލާއިރު ރައީސް އޮފީހުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް މަހެއްގެ މައްޗަށް ޖުމްލަ 8،263،465ރ. ހަރަދުވާނެ އެވެ. އެއީ، އަހަރެއްގެ މައްޗަށް ބަލާނަމަ، 99 މިލިއަން ރުފިޔާ އެވެ. ފަސް އަހަރަށް ހިސާބުކުރާ ނަމަ 495 މިލިއަން ރުފިޔާ އެވެ.
މި ސަރުކާރު ވެރިކަމަށް އައީ ސިޔާސި މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމުގެ ވައުދާ އެކު އެވެ. ނަމަވެސް، މި ނޫހަށް މިހާތަނަށް މައުލޫމާތު ދިން 19 ވުޒާރާގައި އެކަނިވެސް 831 ސިޔާސީ މުވައްޒަފުން ތިއްބެވެ. ރައީސް އޮފީހުގެ މުވައްޒަފުންނާއެކު މިހާތަނަށް ހާމަކުރި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 1،178 އެވެ.

ސިޔާސީ މުވައްޒަފުންގެ ތެރޭގައި ރައީސް އޮފީހުގެ އިތުރުން މުލީއާގެ އަދި ހިލާލީގޭގެ މުވައްޒަފުން ވެސް ހިމެނެ އެވެ. ނަމަވެސް، އެ ދެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އަދި ހާމައެއް ނުކުރެ އެވެ. މުލިއާގޭގެ މުވައްޒަފުންގެ މައުލޫމަތު ހާމަކުރެވެން ނެތް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
ވައުދާ ހިލާފުވެފައިވީ ނަމަވެސް، ސިޔާސީ މުވައްޒަފުންގެ ގޮތުގައި މިހާރު ތިބި މީހުންގެ އިތުރަށް، އަދިވެސް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރާނެ ކަމުގެ އިޝާރާތެއް ވެރިކަންކުރާ ޕީއެންސީގެ އިސްވެރިން ވަނީ ޖުލައި 31، ގައި ދީފަ އެވެ.













