ރައީސްގެ މެސެޖެއް ލީކު ކުރިނަމަ އަނބިދަރިން ނުތިބޭނެ ކަމަށް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ލައްވައި ހުވާ ކުރުވައިފި

ޕީއެންސީ ބައެއް މަޖިލިސް މެންބަރުން "އަދަދު" އަށް ބުނީ ރޭ ހުވާ ކުރުވީ "ރައީސްގެ އެއްވެސް މެސެޖެއް ލީކު ކުރިނަމަ އަނތްބެއް ދަރިއެއް ނުހުންނާނެ،" ކަމަށެވެ. --- އާޓްވޯކް: އިސްމާއިލް އިމްދާދު

ޕީއެންސީ ބައެއް މަޖިލިސް މެންބަރުން "އަދަދު" އަށް ބުނީ ރޭ ހުވާ ކުރުވީ "ރައީސްގެ އެއްވެސް މެސެޖެއް ލީކު ކުރިނަމަ އަނތްބެއް ދަރިއެއް ނުހުންނާނެ،" ކަމަށެވެ. --- އާޓްވޯކް: އިސްމާއިލް އިމްދާދު

މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި މެސެޖެއް ލީކު ނުކުރާ ކަމަށް ބައެއް މެންބަރުން ލައްވައި ރޭ ހުވާ ކުރުވައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މެންބަރުން ލައްވައި ހުވާ ކުރުވާފައި ވަނީ ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމެއްގަ އެވެ. މަޖިލިސް މެންބަރުން ހުވާ ކުރީ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ކުރިމަތީގަ އެވެ.

އެކަމާ ގުޅިގެން ޕީއެންސީ ބައެއް މަޖިލިސް މެންބަރުން "އަދަދު" އަށް ބުނީ ރޭ ހުވާ ކުރުވީ "ރައީސްގެ އެއްވެސް މެސެޖެއް ލީކު ކުރިނަމަ އަނތްބެއް ދަރިއެއް ނުހުންނާނެ،" ކަމަށެވެ. އެ ބައްދަލުވުމުގައި ސާޅީހަކަށް މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

"އެ ވަރުގެ ކަމެއްގައި މެންބަރުން ލައްވައި އެފަދަ ހުވައެއް ކުރެއްވީތީ، ބައެއް މެންބަރު ތިބީ ހިތްހަމަ ނުޖެހިފައި. ރޭގެ ބައްދަލުވުމަށް ދިޔައީ ވެސް ބައެއް މެންބަރުން،" އަދަދު ނޫހާ ވާހަކަ ދެއްކެވި މެންބަރަކު ވިދާޅުވި އެވެ.

މަޖިލިސް މެންބަރުން ލައްވައި ހުވާ ކުރުވީ ޕީއެންސީގެ ގުރޫޕަކަށް ރައީސް ފޮނުއްވި މެސެޖެއް ލީކުވުމާ ގުޅިގެންނެވެ. ރައީސްގެ ލީކުވި ކަމަށް ބެލެވޭ މެސެޖަކީ ރޭ އެމްޑީޕީ ގައުމީ މަޖިލިސް ކުރިއަށް ދިޔަ ވަގުތު އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ހިއްސާ ކުރެއްވި މެސެޖެކެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ތެރެއިން ފައްޔާޒު ވިދާޅުވީ، ޕީއެންސީގެ މަޖިލިސް މެންބަރަކު މެސެޖެއް ފޮނުއްވާފައިވާ ކަމަށާއި މެސެޖުގައި އޮތީ "ރަށްރަށުގައި ފަށައިގެން ކުރިއަށްގެންދާ ޕްރޮޖެކްޓުތައް ސަރުކާރުގެ މާލީ ހާލަތު މިވަގުތު ދަށްވަމުން ދާތީ އެ ޕްރޮޖެކްޓުތަކުގެ ވާހަކަ ނުދެއްކުމަށް ރައީސް މުއިއްޒު ވަނީ އަޅުގަނޑުމެންނަށް އަންގަވާފައި،" ކަމަށެވެ.

ޕީއެންސީގެ މަޖިލިސް ބައެއް މެންބަރުން ލައްވައި ރައީސްގެ މެސެޖެއް ލީކު ނުކުރާ ކަމަށް ހުވާ ކުރުވިއިރު، މިދިޔަ އަންގާރަ ދުވަހު ޕީއެންސީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ މަޖިލީހުގެ މެންބަރުން ހައްލަން ބައެއް ފަރާތްތަކުން މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް ބުނެ އިލްތިމާސްއެއް ކުރައްވައިފަ އެވެ.

އެރޭ އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ މެންބަރުން ރައްޔިތުން ހޮވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ހިމާޔަތް ކުރުމަށް ކަމަށެވެ.

ރައްޔިތުންގެ އިއްޒަތްތެރި މެންބަރުން ހައްލަން އެކި ގޮތްގޮތަށް ވަރަށް މަސައްކަތް ކުރާނެ، މިއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ވަގުތެއް. ތިބޭފުޅުން ގަބޫލުކުރައްވަންވާނެ، ރައްޔިތުން ތިބޭފުޅުން އިންތިހާބު ކުރީ ރައީސް މުއިއްޒުގެ ވެރިކަން ދިފާއުކުރަން،" ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް އެރޭ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރަން ނެގި ވޯޓުގައި، ނައިބު ރައީސް ކަމަށް އިންތިހާބުވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމަށް ލިބިވަޑައިގެންނެވި ވޯޓަށް ވުރެ، މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އަށް ލިބިވަޑައިގެންނެވި ވޯޓު މަދުވުމުން، ވޯޓު ނުދެއްވާ މެންބަރު ހޯދުމަށް ވެސް ހުވާ ކުރައްވަން މަސައްކަތް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox