މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން މަޝްވަރާކޮށްފި އެވެ.
އެމްއެމްސީއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ރައީސް އޮފީހުގެ އޮފިޝަލުންނާ ބައްދަލުކުރީ އެ ކައުންސިލްގެ ޝަކުވާ ބަލާ ކޮމިޓީންނެވެ. ރައީސް އޮފީހުގެ ޓީމު ލީޑުކުރެއްވީ ޕޮލިސީ އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އެވެ.
ނަމަވެސް މިއަދު ބޭއްވި މަޝްވަރާތަކާ ގުޅޭ އިތުރު ތަފުސީލެއް އެމްއެމްސީ އަދި ރައީސް އޮފީހުންވެސް ދީފައެއް ނުވެ އެވެ.
މީޑިއާ ކައުންސިލުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު އެ ކައުންސިލަށް އެންމެ ގިނައި ޝަކުވާ ހުށަހަޅާފައިވަނީ ދައުލަތުގެ އިދާރާތަކުންނެވެ. އެއީ ޝަކުވާތަކުގެ 94 އިންސައްތަ އެވެ. މިދިޔަ އަހަރު ހުށަހެޅި ޝަކުވާތަކުގެ ތެރެއިން ދައުލަތުގެ އިދާރާތަކުން ހިއްސާވީ ހަ ޕަސެންޓަށެވެ.
މީގެތެރެއިން ވަކިވަކި އޮފީސްތަކުން ހުށަހެޅި މައްސަލަތަކުގެ އަދަދެއް ހިއްސާއެއް ނުކުރެ އެވެ.

އިއްޔެގެ ކޮމިޓީ ބައްދަލުވުމުގައި މީޑިއާ ކައުންސިލުން އިތުރަށް ބުނީ މިއަހަރު ހުށަހެޅި ޝަކުވާތައް ބެލުމަށް އޮންނަ ކޮމިޓީން މި އަހަރު 30 މައްސަލައެއް ބަލާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އެއްވެސް މީޑިއާއަކަށް ފިޔަވަޅު އެޅި ކަމަކަށް ނުބުނެ އެވެ.













