މޫސުމާ ބެހޭ ގައުމީ އިދާރާ ރައްޔިތުންގެ ހިދުމަތުގައި ދެމިހުންނަތާ 50 އަހަރު ފުރިއްޖެ އެވެ.
ރާއްޖޭގައި މޫސުމާ ބެހޭ ގައުމީ އިދާރާ ފުރަތަމަ ގާއިމު ކުރީ އޮގަސްޓު 1، 1974 ގައި "މީޓިއޮރޮލޮޖިކަލް ސެންޓަރު" ނަމުންނެވެ. އަދި ދުނިޔޭގެ މޫސުމާއި ބެހޭ ޖަމިއްޔާގެ މެންބަރަކަށް ވީ ޖޫން 1، 1978ގަ އެެވެ.
އެ އިދާރާއަށް މިއަދު 50 އަހަރު ފުރުނު އިރު މި ދިގު މުއްދަތުގައި އެ އިދާރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އެއް ކަމަކީ މުޅި ރާއްޖެއަށް ހިދުމަތް ފުޅާކޮށް، އެކި ސަރަހައްދުތަކުގައި ޖުމްލަ ފަސް އޮފީހެއް ގާއިމްކޮށް، މުޅި ރާއްޖޭގެ މޫސުން ބެލުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި 24 ގަޑިއިރު ކުރަން ފެށުމެވެ.
ބިންހެލުމާއި ސުނާމީއާއި ބެހޭ މައުލޫމާތު އެއްކޮށް ދުރާލާ އިންޒާރުދޭ ނިޒާމެއް ވެސް މިހާރު ވަނީ އެ އިދާރާއިން ތަރައްގީކޮށްފަ އެވެ.


މީޓިއޮރޮލޮޖިކަލް ސެންޓަރު ހުޅުވި ދުވަހުގެ ލިޔުން -- މަސްދަރު: ގައުމީ އަރުޝީފު
ރާއްޖޭގެ 43 ރަށެއްގައި މޫސުން ބަލާ އޮޓޮމެޓިކް ސްޓޭޝަން ހަރުކޮށް ވަގުތުން އެ ސަރަހައްދެއްގެ މޫސުމުގެ މައުލޫމާތު ލިބޭނޭ ގޮތް ވެސް މިހާރު ވަނީ ހަމަަޖައްސައިފަ އެވެ.
މީގެ އިތުރުން ރާއްޖޭގައި ވަނީ ޑޮޕްލާ ވެދާ ރާޑަރު ސިސްޓަމާއި ސެޓެލައިޓް ފޮޓޯލިބޭ ނިޒާމު ފަށައިފަ އެވެ. އަދި ނިއުމެރިކަލް ވެދަރ ޕްރެޑިކްޝަން މޮޑެލްކުރުމާއި ލައިޓްނިންގް ޑިޓެކްޝަން ސިސްޓަމެއް ވެސް ރާއްޖޭގައި މިވަގުތުވަނީ ގާއިމުކޮށްފަ އެވެ.
ދުނިޔޭގެ ސިވިލް އޭވިއޭޝަން މިންގަޑާއި އެއްގޮތަށް ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެމުންދާއިރު، ދުރާލާ އިންޒާރުދޭ ނިޒާމުގެ ތެރެއިން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ "ކޮމަން އެލާޓިން ޕްރޮޓޮކޯލް" ވެސް މިހާރު ވަނީ ރާއްޖޭގައި ގާއިމުކުރެވިފަ އެވެ.
މަދު އިންސްޓްރުމެންޓް ތަކަކާއެކު އާދައިގެ ގޮތަކަށް ފެށި މޫސުމީ މަސައްކަތްތައް މިހާރު ރާއްޖޭގައި މިވަނީ ޒަމާނީ ވަސީލަތްތަކާ އެކު ބޮޑެތި ބަދަލުތަކަކާއި އެކީ ދުނިޔޭގެ ފެންވަރުގައި ކުރަމުންނެވެ.













