ރައްކާތެރިކަމުގެ މިންގަނޑުތަކާ ހިލާފަށް އާތު ލީކޭޖް ސާކިއުޓް ބްރޭކާ (އީއެލްސީބީ) ހަރުނުކުރާ މަގު ބައްތިތައް 144 ރަށެއްގައި އެބަ ހުރި ކަމަށާއި އޯގަސްޓް 21، އިން ފެށިގެން އެ މަގުބައްތިތައް ރަނގަޅު ނުކުރާނަމަ ކަރަންޓު ކަނޑާލާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
މަގު ބައްތިތަކާ ގުޅޭ މައްސަލަ ފެންމަތިވީ ދުވާފަރުވައި މެއި، 23 ގައި ހިނގި ހާދިސާއެއްގައި، ޒުވާނަކު ކަރަންޓުގައި ޖެހިގެން، ފަރުވާދެނިކޮށް މަރުވުމާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން ފެނަކައިން، މިންގަނޑަށް ނުފެތޭ މަގުބައްތިތައް ދެނެގަތުމުގެ އިންސްޕެކްޝަނެއް ފެށި އެވެ.
އިންސްޕެކްޝަނުގައި މައްސަލަ ހުރި ކަމަށް ފާހަގަވީ މަގުބައްތިތަކުން ހިދުމަތް ކަނޑާލަން ފުރަތަމަ ދިން ތާރީހަކީ ހުސްވި މަހުގެ 9 އެވެ. ނަމަވެސް ގިނަ ކައުންސިލުތަކުން އެދިގެން ފެނަކައިން އިތުރު މަސް ދުވަހަކަށް އެ މުއްދަތު އިތުރުކޮށްދިނެވެ.
ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމުގެ އަދާހަމަ ހިއްސާކުރައްވަމުން އެ ކުންފުނީގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ މިންގަނޑަށް ނުފެތޭ މަގުބައްތިތަކުން އޯގަސްޓް، 21 އިން ފެށިގެން ކަރަންޓު ކަނޑާލަން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއަރްއޭ) އިން އަންގާފައިވާ ކަމަށެވެ.
"ޔޫއާރްއޭގެ ސިޓީގައިވާ ގޮތުން އޯގަސްޓް، 21 ގައި ކަރަންޓު ކަނޑާލަން ޖެހޭ. އެންގީ ކަރަންޓް ކަނޑާލަން. އަޅުގަނޑުމެން މިހާރު މި ނިންމަނީ ޔޫއާރްއައި އިން ނިންމާފައި އޮތުމާއެކު އެކްސްޓެންޑް މިކުރަނީ އޯގަސްޓް، 21 ގެ ނިޔަލަށް ކަންތައްތައް ރަނގަޅުކުރަން،" އޭނާ ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ އެ ދުވަހުގެ ނިޔަލަށް މަގުބައްތިތައް ގަވާއިދަށް ފައްތަން ދިން މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ހުރިހާ ކައުންސިލުތަކުން ވެސް އެ މިންގަނޑަށް މަގުބައްތިތައް ގެނައުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
މަގުބައްތިތައް މިންގަނޑުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ފެނަކައިން ކޮށްދެ އެވެ. މުއާޒު ވިދާޅުވީ، އަންނަ ބުދަ ދުވަހުގެ ކުރިން މިކަމަށް އެދޭ ކައުންސިލުތަކުން މިކަމަށް ފެނަކައިގައި އެދެން ޖެހޭނެ ކަމަށެވެ. އަދި އޮންނަ އުސޫލުގެ ދަށުން އެކަންތައް ކައުންސިލުތަކަށް ފަހިކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުއާޒު ވިދާޅުވި ގޮތުގައި އެ މުއްދަތަށް ފަހު އެ މަސައްކަތް ކުރަން ޖެހޭނީ ކައުންސިލުންނެވެ. އަދި މިއީ އާންމުންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށް ވާތީ ކަންކަން ރަނގަޅުކުރަން އިތުރު ފުރުސަތެއް ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށްރަށުގެ މަގުބައްތިތައް ބަލަހައްޓައި، މެއިންޓެއިން ކުރުމަކީ ކައުންސިލުތަކުގެ ޒިންމާއެކެވެ.












