ދިވެހިރާއްޖެއަށް ހަތަރު ގައުމަކުން ކަނޑައެޅި ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.
މިއަދު ހެދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުތަކެއްގައި ރައީސް އަށް ފަތްކޮޅު އަރުވާފައިވަނީ، އެންގޯލާ، ޔޫރަޕިއަން ޔޫނިއަން، ނިއުޒިލެންޑް އަދި ސްވިޒަލެންޑްގެ ސަފީރުންނެވެ.
އެ ރަސްމިއްޔާތުތަކަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.
އަލަށް ކަނޑައެޅި ސަފީރުން
- އެންގޯލާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު - ކްލެމެންޓޭ ޕެޑްރޯ ފްރާންސިސްކޯ
- ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައެޅި ސަފީރު - މާރިއާ ކާމެން މޮރެނޯ ރޭމުންޑޯ
- ނިއުޒިލެންޑުން ރާއްޖެއަށް ކަނޑައެޅި ސަފީރު - ޑޭވިޑް ޕައިން
- ސްވިޒަލެންޑުން ރާއްޖެއަށް ކަނޑައެޅި ސަފީރު - ޑރ. ސިރި ވަލްޓް
މި ހުރިހާ ގައުމަކުން ވެސް ރާއްޖެއަށް ކަނޑައަޅާފައިވަނީ ނޮން-ރެސިޑެންޓް ސަފީރުންނެވެ. އެންގޯލާގެ ސަފީރު ފިޔަވައި ދެން ހުރި ގައުމުތަކުގެ ސަފީރުން ތިއްބަވާނީ އަވައްޓެރި ސްރީލަންކާގެ ކޮލޮމްބޯގަ އެވެ. އެންގޯލާގެ ސަފީރު ހުންނަވަނީ އިންޑިއާގެ ނިއުދިއްލީގަ އެވެ.












