ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުން މަޖިލީހުގެ ޕީއެންސީގެ މެންބަރުންނާ ވަކި ވަކިން ބައްދަލު ކުރައްވަން ފަށްޓަވައިފި އެވެ.
ޕީއެންސީގެ ބައެއް މެންބަރުން "އަދަދު" ނޫހަށް ވިދާޅުވީ ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު މެންބަރުންނާއެކު ބައްދަލު ކުރައްވަން ފެއްޓެވީ މި މަހުގައި ކަމަށެވެ.
އެ ބައްދަލުވުންތައް ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ބާރު ނާޅުއްވައިގެން، ބައެއް މެންބަރުން ޕާޓިގެ އެތެރޭގައި ހިތްހަމަ ނުޖެހުން ވެސް ފާޅުކުރި ކަމަށް، ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވި އެވެ.
"ރަސްމީކޮށް މަޖިލީހުގެ ޖަލްސާތައް އޮންނަ ކޮންމެ ދުވަހަކު ރައީސް، ކަނޑައަޅުއްވާ އަދަދެއްގެ މެންބަރުންނާ ވަކި ވަކިން މިހާރު ބައްދަލު އެބަ ކުރައްވާ. ކޮންމެ މެންބަރަކަށް ވެސް ކަނޑައަޅާފައި އޮންނަނީ ހަތް މިނެޓު،" މެންބަރަކު ވިދާޅުވި އެވެ.
މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 93 މެންބަރުންގެ ތެރެއިން ޕީއެންސީ ތަމްސީލުކުރާ 75 މެންބަރުން އެބަ ތިއްބެވި އެވެ.

ޕީއެންސީގެ މެންބަރުންނަށް މަޖިލީހުން ލިބޭ މުސާރައިގެ އިތުރަށް ރައީސް މުއިއްޒުގެ ފަރާތުން ކޮންމެ މަހަކު 50،000ރ. ދެއްވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.













