ކުރީގެ ފިނޭންސް މިނިސްޓަރު އަދި އޮފް-ޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ދިރާސާކުރަން ފަށައިފި އެވެ.
ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ވިސްނުމުގައި ދިރާސާކުރަމުންދާ ކަމަށެވެ. އިސްތިއުނާފު ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ "ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ" އެވެ. އެ ދައުވާކުރީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖެނުއަރީ، 2013، ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލައިގަ އެވެ.
އެއިރު ސަރުކާރުން ސޮއި ކުރީ ޖޮއިންޓް ވެންޗާ އެގްރިމެންޓެއްގައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެވެ. ޖިހާދު ސޮއި ކުރެއްވި އެގްރީމެންޓުގައި ސަރުކާރުގެ ހިއްސާގެ ގޮތުގައި އޮތީ 25 ޕަސެންޓެވެ. އެކަމަކު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގައި ގޮތުގައި ތަރައްގީ ކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 ޕަސެންޓު ހިއްސާ އޮންނަން ޖެހޭނެ ކަމަށް ނެޝަނަލް ޕްލޭނިން ކައުންސިލުން އޮތީ ލަފާ ދީފަ އެވެ.
މި މައްސަލަ މަދަނީ މިންގަނޑަށް ނުފެތޭ ކަމަށް ކަނޑައަޅައިދިނުމަށް ޖިހާދުގެ ފަރާތުން ހުށަހެޅުއްވީ މައިގަނޑު ގޮތެއްގައި ތަހުގީގެއްގައި ފުރިހަމަވާން ޖެހޭ އަސާސީ ކަންކަން ވެސް ފުރިހަމަ ނުވާ ކަމުގެ ގާނޫނީ ނުކުތާއަކާ އެކީގަ އެވެ.

ކްރިމނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ފާހަގަ ކުރެއްވި ކަމަކީ އެންޓި ކޮރަޕްޝަން (އޭސީސީ) އިން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް އަލުން ތަހުގީގު ކުރާއިރު އަދި ރިޔާސީ ކޮމިޝަނަކުން ތަހުގީގު ކުރާއިރު ސަބަބު ބުނެދޭން ޖެހޭ ކަމަށެވެ. އެކަމަކު ދައުލަތަށް އެ ކަން ބުނެނުދެވޭ ކަމަށް ނިންމި އެވެ.
މި މައްސަލައިގައި ލިބުނު ކަމަށް ބުނާ އާ ހެއްކަކީ ވެސް ޖުލައި، 2022، ގައި އަދީބު ތަހުގީގަށް ދީފައިވާ ބަޔާނެވެ. ނަމަވެސް އަދީބު ދައްކަވާ ވާހަކަތަކުގެ ތެދޮ ދޮގު ޔަގީން ކުރަން ތަހުގީގުން ކުރި ކަމެއް ދައުލަތަށް ބުނެދެވިފައި ނެތް ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ޖިހާދު ހުންނެވިއިރު ދިރިއުޅުއްވި ރެހެންދި-3 ފްލެޓު ހުސް ނުކުރި މައްސަލައިގައި ވެސް ދައުލަތުން ސިވިލް ކޯޓުގައި އޭނާގެ މައްޗަށް ދައުވާއެއް އުފުލި އެވެ. ނަމަވެސް މި ސަރުކާރުން ޖެނުއަރީ، 2024، ގައި ވަނީ އެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.
ޖިހާދަކީ ވެރިކަން ހިންގާ ޕީއެންސީ/ޕީޕީއެމް އިއްތިހާދުގެ މެންބަރެކެވެ. އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތީ ސެޕްޓެމްބަރު 23، 2023، ގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިފައި އޮއްވަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގަ އެވެ.













