ސަރުކާރުގެ ފުރަތަމަ ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) ހއ. އިހަވަންދޫ ވައިޖެހޭގެ ހާމިދު ޝަފީއު ނިޔާވެއްޖެ އެވެ.
"އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަފީއު ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގަ އެވެ. އޭނާ ނިޔާވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.
ރައީސް އޮފީހުގެ ސީޓީއޯގެ މަގާމަށް ޝަފީއު އައްޔަން ކުރެއްވީ 2019 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެމަނިކުފާނުގެ ވެރިކަން ނިމެންދެން ހުންނެވީ އެ މަގާމުގަ އެވެ.
"ހާމިދަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަންފަވާލެވޭ ބޭފުޅެއް އަދި އެ ދާއިރާއިން ގައުމަށާއި ދައުލަތަށް ވަނީ ގިނަގުނަ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައި," ހާމިދުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި ސޯލިހު އެކްސްގައި ވިދާޅުވި އެވެ.
އޭގެ ކުރިން ރައީސް އޮފީހުގައި 1998 އިން ފެށިގެން 2007ގެ ނިޔަލަށް އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ މެނޭޖާ ޓެކްނިލިކަން ސާވިސެސް ޔުނިިޓުގައި މަސައްކަތް ކުރެއްވި ހާމިދު ވަނީ އިންޓެލެކްސީ ނެޓްވޯކްގެ ސީނިއާ އެންޓަޕްރައިޒް ކޮންސަލްޓެންޓެއްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ހާމިދުއަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަން އިން ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.













