ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭގައި އަޅައި، ހުރިހާ މަސައްކަތެއް އަދި ނުނިމި ގިނަ ދުވަސްތަކެއްވެފައިވާ ހޮޓާ ސަރުކާރަށް ނަގައި، އެތަނުގެ ބައެއް ފްލޯތައް މީޑިއާ ވިލެޖަށް ހާއްސަކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްލަ 250 ކޮޓަރީގެ ފަސް ތަރީގެ އެ ހޮޓާ 2006 ގައި ތަރައްގީކުރަން ނިންމައި، އެ މަސައްކަތް ފެށީ 2011 ގަ އެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް 2021 ގައި އެ ހޮޓާ ވިއްކާލަން އެސްޓީއޯއިން މަސައްކަތްކުރި ނަމަވެސް، ފަހުން ވީ ގޮތެއް ނޭގެ އެވެ.
އެ ހޮޓާ ދޫކޮށްލަން އެސްޓީއޯއިން ނިންމާފައި ވަނީ ގިނަ ހަރަދުތަކެއް އެ ހޮޓަލަށް ކޮށްފައި ވަނިކޮށް، މި މަހު ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގަ އެވެ.
މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މީޑިއާ ވިލެޖު ހެދުމަށް ކެބިނެޓުން ކަންކުރާނެ ގޮތް ނިންމައި، ކުރިއަށް އޮތް އެއް އަހަރު ތެރޭގައި އެ މަސައްކަތްކޮށް ނިންމާނެ ކަމަށެވެ.
"ހުޅުލޭގައި (ހުޅުމާލެ) އެތައް އަހަރެއްވަންދެން ހަދަން ފަށައި ނުނިމި ހުރި އިމާރާތެއް އެހެރީ، އެސްޓީއޯގެ އިމާރާތެއް ހޮޓަލެއް އަޅަން ނިންމި ތަނެއް. އެތަން މިހާރު އެވަނީ ސަރުކާރަށް ނަގާފައި. އެތަނުގެ ބައެއް ފްލޯތައް ހާއްސަކުރެވޭނީ މިދެންނެވި މީޑިއާ ވިލެޖު ގާއިމުކުރަން. ކޮންމެ މީޑިއާއަކަށް ހަމަޖެހޭ އުސޫލަކުން ވަރަށް ކުޑައަގެއްގައި އެމީހުންގެ އޮފީސް ހިންގަން އެތަނުން ޖާގަ ދޫކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެތަނުގައި ފެންވަރު ރަނގަޅު ސްޓޫޑިއޯތަކާއި، ޓީވީ ސްޓޭޝަންތަކަށް ބޭނުންވާ ޕްރޮޑަކްޝަން ފެސިލިޓީތައް ޖާގަދީ، މީޑިއާތަކަށް މީގެކުރިން ދުވަހަކުވެސް ނުލިބޭފަދަ ރަނުގެ ފުރުސަތު ތަނަވަސްކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ޒިންމާދާރު ޕްރޮފެޝަނަލް މީޑިއާތައް ބޭނުންވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ޒިންމާދާރުކަމާއެކު މީޑިއާތައް މަސައްކަތް ކުރުން މުހިންމު ކަމަށެވެ.
އޭގެއިތުރުން މީޑިއާތަކަށްވީ ވައުދާ އެއްގޮތަށް އަންނަ އަހަރުން ފެށިގެން ފާސްވާ ކޮންމެ ބަޖެޓެއްގައި މީޑިއާތަކަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ ގޮތަށް ވަކި އިންސައްތައެއް ދޭނެ ކަމަށާއި އެ ފައިސާ ދޫކުރާނެ ގޮތް ކަނޑައަޅައި ހާމަކަން ބޮޑު ގޮތެއްގައި ގެޒެޓްކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.













