ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް އެއްގޮތެއްގައި ނުހިފެހެއްޓި، ފެންނަމުން ދަނީ "ނަންނުގައްޗެއް ދުވާހެން" ދާތަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ސިޔާސަތުތައް އެއްގޮތެއްގައި ދެމެހެއްޓޭތަން ނުފެންނަ ކަމުގެ ގިނަ މިސާލުތަކެއް، ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ދެއްކެވި އެވެ. އޭގެ ތެރޭގައި އިޒްރޭލް ޕާސްޕޯޓު މަނާކުރުމާއި ޓޯލް ފީ ނެގުމުގެ ސިޔާސަތާއި ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ އިތުރުން އެހެން މިސާލުތައް ވެސް ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގެ ދާހިލީ މައްސަލަތައް ފިޔަވައި، ދިވެހީން އެންމެ ކަންބޮޑުވުމަކީ ފަލަސްތީނުގައި، އިޒްރޭލް ސިފައިން ހިންގަމުންދާ ގަތުލްއާންމު ކަމަށާއި ފަލަސްތީނަށް އެހީތެރިވުމަށާއި އެ ގަތުލްއާންމު ނިމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވާއިރު، އިޒްރޭލް ޕާސްޕޯޓު މަނާ ނުކޮށް ދިގު ދެއްކުމަކީ "ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތުން" ކަމަށް ޔާމީން ވިދާޅުވި އެވެ.
އެ ފަދަ ނިންމުންތަކަކީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ނިންމާ ކަމެއް ކަމަށް ފާހަގަ ކުރައްވައި ޔާމީން ވިދާޅުވީ އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އިޒްރޭލްގެ ޕާސްޕޯޓު ފަސޭހައިން މަނާ ކުރެވެން އޮތްއިރު، އެކަމުގައި ދިގު މަގު ހިޔާރު ކުރުމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ އޮންނަތާ 45 ދުވަސް ވެއްޖެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެއް އަތުން މި ބުނަނީ ތިމަންނަ މިކަން ކުރާނެމޭ. އަނެއް އަތުން މި ބުނަނީ މިކަން ކުރިޔަކަ ނުދޭނަމޭ. އެހެންވީމަ މިއީ ސަރުކާރުގެ ސިޔާސަތުތަކުގައި ކޮންސިސްޓެންސީ ހުންނަ މިންވަރު،" ޔާމީން ވިދާޅުވި އެވެ.
ސިޔާސަތު އެއްގޮތެއްގައި ނުހިފެހެއްޓޭނަމަ ކުރިމަތިވާނީ ދަތި މަރުހަލާތަކެއް ކަމަށާއި ރައްޔިތުންނަށް އަމަލުކުރަންވީ ގޮތެއް ނޭނގޭނެ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި ފަލަސްތީނުގެ ހައްގުގައި މުޒާހަރާކުރުން ވެސް މަނާ ވެދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ބުރިޖުން ޓޯލް ފީ ނެގުމަށް ސަރުކާރުން ނިންމައި އެކަން އިއުލާނު ކުރުމާއެކު ރައްޔިތުންގެ ނުތަނަވަސްކަން ބޮޑުވުމުން، އެއީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ ވެސް ސިޔާސަތުގައި ދެއުޅިއެއް ނެތުން ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ.
"އެ ވަރުގެ ކަމެއްގައި ކެބިނެޓު މިނިސްޓަރަކު އުއުލާނެއް ނުކުރާނެ ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިނުގެން،" ޔާމީން ވިދާޅުވި އެވެ.
މައުލޫމާތު ހޯދަން، ގާނޫނުގެ ދަށުން ރައްޔިތުން އެދެން ނުޖެހޭނެ މިންވަރަށް ސަރުކާރުގެ ހާމަކަން ބޮޑުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވާއިރު، މިހާރު އެ ގާނޫނަށް ސަރުކާރުން އަމަލު ނުކުރުމަކީ ވެސް ސިޔާސަތު އެއްގޮތެއްގައި ނުހިފެހެއްޓުމުގެ މިސާލެއް ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ.
އިގުތިސޯދީ ހާލަތާއި މާލީ ހާލަތު ދައްވުމުގެ ސަބަބުން ރައްޔިތުން ގަރުދިޔަ އާއި ބަތް ކެޔުމަށް ތިރިވެލަން ޖެހޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ވިދާޅުވި ވާހަކަ އަށް އިޝާރާތް ކުރައްވައި، ޔާމީން ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ސިޔާސަތު ވެސް އެއްގޮތެއްގައި ނުހިފަހައްޓާ ކަމަށެވެ.
"މިހާރު ރައްޔިތުންނެއް ނޫން ގަރުދިޔަ އާއި ބަތް ކާންވީކީ. ސަރުކާރުން ހަރަދު ކުޑަކުރަން އަޅާނެ ފިޔަވަޅުތަކެއް ކިޔައިދޭންވީ،" ޔާމީން ވިދާޅުވި އެވެ.
ރައްޔިތުން ގަރުދިޔަ އާއި ބަތް ކެޔުމަށް ގޮވާލުމަށް ފަހު، ސަރުކާރުން ބުނަމުން ދަނީ އަންނަ އަހަރުގެ ބަޖެޓުގައި އެކި ކަންކަމަށް އެތައް މިލިއަން ރުފިޔާއެއް ހިމަނާނެ ކަމުގެ ވާހަކަ ކަމަށާއި މިހާރު މިއޮތް ގިލަންވެރިކަމާއި އުނދަގުލުން ސަލާމަތް ވާން އެދޭ ކަމަށާއި އެކަމަށްޓަކައި ހެޔޮ ނިޔަތް އޮންނަންޖެހޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
މިހާރު މި ސަރުކާރުގެ ސިޔާސަތު ހުރީ "ކުރިން ބުނި އެތި ކެންސަލްވީއޭ" ބުނާ އުސޫލުން ކަމަށާއި ނަމަވެސް، ސިޔާސަތުތައް އެއްގޮތެއްގައި ނުހިފެހެއްޓުމަކީ އެފަދަ ސަމާސާއެއްގެ ގޮތަށް ދޫކޮށްލުމަށް ވުރެ ސީރިއަސް ކަމެއްކަން ޔާމީން ފާހަގަ ކުރެއްވި އެވެ.
އިތުރު މިސާލުގެ ގޮތުގައި، އިންޑިއާ ސިފައިން ތިބާއި ކަނޑުގެ ސަރަހައްދު ހޯދަން މަސައްކަތް ނުކުރުމާއި ކުރީ ސަރުކާރުގެ މައްޗަށް ތުހުމަތުކުރި، ހާއްސަކޮށް ފެނަކައިގެ މައްސަލަތައް ނުބެލުމަކީ ކުރިން ކަނޑައެޅި ސިޔާސަތު ނުހިފެހެއްޓުން ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ.












