ރިޔާސީ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ އާ ހިލާފަށް، ސިނަމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ސަރުކާރުން ނިންމުމާ ގުޅިގެން އާންމުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
ސިނަމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ނިންމާފައިވާކަން އިއުލާނު ކުރީ މާލޭގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ރޭ އިފުތިތާހު ކުރި "މާލެފަހި" ޕްރޮގުރާމުގައި ކަންތައްތަކުގެ ތެރޭގަ އެވެ.
ސޯޝަލް މީޑިއާގައި އާންމުން ބުނަމުން އަންނަނީ ރައީސް މުއިއްޒު ވައުދާ ހިލާފުވެފައިވާ ކަމަށާއި ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށް މިފަދަ ފީއެއް ނަގަން ފެށުން ބަލައެއް ނުގަނެވޭ ކަމަށެވެ.
"ސަސްޕެންޑު ކޮށްފައި ގޭގައި ބައިތިއްބައިގެން ބަރާބަރަށް މުސާރަ ދޭ ޑެޕިއުޓީ މިނިސްޓަރުން ކަނޑާލަބަލަ ފުރަތަމަ މޮޔަނުވެ،" ޝުއޫރު ފާޅުކުރަމުން މީހަކު ބުންޏެވެ
ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށާއި ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލެއް ކަމަށެވެ.

ރައީސް މުއިއްޒުގެ އެ އެކްސް ރިޕޯސްޓު ކޯޓް ޓުވީޓުކޮށް ވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުން ކަމަށެވެ.
"ދޮގު ބުހުތާނު ވާހަކަތައް ފަތުރައިގެން ވެރިކަން ހޯދުމަކީ ނާތަހުޒީބު އަމަލެއް،" ޝުއޫރު ފާޅުކޮށް މީހަކު ބުންޏެވެ.
ސަރުކާރަށް ތާއީދުކުރާ މީހުން އަންނަނީ ފީ ނެގުމާ އެއްކޮޅަށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ. އެމީހުން ބުނަމުންދަނީ ބްރިޖް މެއިންޓެއިން ކުރުމަށް ފީއެއް ނަގަން ޖެހޭ ކަމަށެވެ.
ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމާ ގުޅުންހުރި ދައުލަތުގެ ހުރިހާ އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު ޓޯލް ފީއެއް ކަނޑައަޅައި ތަންފީޒު ކުރުމުގެ ނިޒާމެއް ގާއިމު ކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.













