ރިޔާސީ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ އާ ހިލާފަށް، ސިނަމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ސަރުކާރުން ނިންމައިފި އެވެ.
ސިނަމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ނިންމާފައިވާކަން އިއުލާނު ކުރީ މާލޭގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް މިރޭ އިފުތިތާހު ކުރި މާލެފަހި ޕްރޮގުރާމުގެ ތެރެއިން ކުރިއަށް ގެންދަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގަ އެވެ.
ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ސިނަމާލެ ބޭނުން ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު އޭރުގެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ތުހުމަތު ކުރި އެވެ.
ނަމަވެސް ރައީސް މުއިއްޒު އެ ތުހުމަތުތައް އޭރު ދޮގު ކުރެއްވި އެވެ. މިދިޔަ އަހަރުގެ އޯގަސްޓު، 29 ގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އަޅުގަނޑުމެންގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ހަބަރެއް" ކަމަށެވެ. އަދި "ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލެއް" ކަމަށް ވެސް އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް އެހެން އޭރު ވިދާޅުވި ނަމަވެސް ބުރިޖާއި ހައިވޭ ފަދަ ތަންތަނަށް "ޓޯލް ފީއެއް" ތައާރަފު ކުރަން، ސަރުކާރުން މިރޭ އިފުތިތާހު ކުރި މާލެފަހި ޕްރޮގުރާމުގައި ހިމަނައި އިއުލާނުކުރި އެވެ.

އެޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ވެސް އެމަނިކުފާނެވެ.
އެގޮތުން ބުރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމާ ގުޅުންހުރި ދައުލަތުގެ ހުރިހާ އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު ޓޯލް ފީއެއް ކަނޑައަޅައި ތަންފީޒު ކުރުމުގެ ނިޒާމެއް ގާއިމު ކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް އޯގަސްޓު މަހުގެ ތެރޭގައި ފެށޭނެ ކަމަށް މިރޭގެ ރަސްމިއްޔާތުގައި އިއުލާނު ކުރި އެވެ.
ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ރައީސް މުއިއްޒު ހުންނެވިއިރު، ނިންމައި ބޭނުން ކުރަން ފެށި ސިނަމާލެ ބުރިޖުން ފީއެއް ނެގުމުގެ ވާހަތައް އޭރު ވެސް ދެކެވުނެވެ.
ނަމަވެސް ވެރިކަން ބަދަލުވުމުން އެމްޑީޕީގެ ސަރުކާރަށް އެކަން އޭރު ދޫކޮށްލީ އެވެ. އެމްޑީޕީގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ނިންމީ ސިނަމާލެ ބުރިޖުން ދަތުރު ކުރުމަކީ އަސާސީ ކަމެއް ކަމަށް ބަލައި އެތަނުން ފީއެއް ނުނެގުމަށެވެ.













