ރައީސުލްޖުމްހުރިއްޔާގެ އޮފީހުން އެއްވެސް މައުލޫމާތެއް ދޭން ނޫސްވެރިންނާ ބައްދަލު ވުމެއް ނުބާއްވާތާ 50 އަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ރައީސް އޮފީހުން އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ ޖޫން 2، ގަ އެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދެއްކެވި އެ ބައްދަލުވުމަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ބަދަލު ގެންނަން އެ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން އިއުލާނުކުރަން ބޭއްވި ބައްދަލުވެމެކެވެ.
އޭގެ ފަހުން މިހާރު 51 ދުވަސް ވެފައިވާ އިރު ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް އިއުލާނުކޮށް ބާއްވައިފައެއް ނުވެ އެވެ. ނަމަވެސް އެ އޮފީހުން ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރާނެ ކަމަށް އެޕްރީލް 28، ގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.
"ކޮންމެ ހަފުތާއަކުވެސް އެއް ފަހަރު އިރާދަކުރެއްވިއްޔާ މި ޕްރެސް ކޮންފަރެންސް ބޭއްވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން، އަދި ކެބިނެޓުގެ ނިންމުންތަކާ އެކު އެކީގަ ކެބިނެޓު ބާއްވާ ދުވަސް ނުވަތަ އަނެއް ދުވަހު ތިބޭފުޅުންނަށް ހާމަކުރެވޭތޯ ބަލާނަން" ހީނާ އެ ދުވަހު ވިދާޅުވި އެވެ.
ހީނާ އެހެން ވިދާޅުވީ ތަރުޖަމާނު ކަމުގެ މަގާމަށް ހިނާ އައްޔަން ކުރުމާއެކު އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މިއީ މި ވެރިކަމުގެ ހަތް މަސްދުވަހުގެ ތެރޭ ރައީސް އޮފީހުން ނޫސްވެރިންނާ ދުރުވި ދެވަނަ ފަހަރެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅުވެސް އެ އޮފީހުން ނޫސްވެރިންނާ ބައްދަލުނުކޮށް ދެ މަސްދުވަސް ދިޔަ އެވެ. އޭރު ރައީސް އޮފީހުގައި ތަރުޖަމާނަކުވެސް ނެތެވެ.
ރިޔާސީ ކެމްޕޭނުގައި މީޑިއާތަކާއި ނޫސްވެރިންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެމަނިކުފާނު އެންމެ ފަހުން ނޫސްވެރިންގެ ސުވާލުތަކާ ކުރިމަތިލެއްވީ ޑިސެމްބަރު 5، 2023 ގަ އެވެ.












