ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ ގައުމީ އިނާމު މިފަހަރު 138 މީހުންނަށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.
ގައުމީ އިނާމަށް ނަން ހުށައެޅި ބޭފުޅުންގެ ތެރެއިން އިނާމް ލިބިލައްވާނެ ބޭފުޅުން ކަނޑައެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި ގައުމީ އިނާމާ ބެހޭ ކޮމެޓީންނެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވަނީ 138 ބޭފުޅުންގެ ތެރެއިން 70 ބޭފުޅުންނަކީ 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންކަމަށެވެ.
މި އިނާމު ދޭނީ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.
މިދިޔަ ސަރުކާރުން ވަނީ ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ހިދުމަތް ކޮށްދީފައިވާ މީހުންނަށް މިދިޔަ އަހަރު އިނާމު އަރުވައިފަ އެވެ.

މި އިނާމަކީ ދައުލަތަށް 35 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ދޭން ފެއްޓެވި އިނާމެކެވެ.













