ހުޅުމާލޭގައި ތޮއްޖެހުމުގެ މައްސަލަ ކުޑަކޮށް، ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީން ބުނީ އެ ބަދަލުތައް ގެންނަން ނިންމީ، ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އިތުރުވާތީއާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާތީ ކަމަށެވެ.
ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވެ، ނުރައްކާތެރިކޮށް ހުރި 11 ސަރަހައްދަކަށް ބަދަލު ގެނެސް، އެ ސަރަހައްދުތަކުގައި ވަށްބުރު (ރައުންޑްއެބައުޓްސް) ގާއިމްކޮށް އަދި ބައެއް ސަރަހައްދުތަކުގައި ސައިން ބޯޑުތައް ބަހައްޓަން ވަނީ ނިންމާފަ އެވެ.

ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތައް -- ފޮޓޯ: އެޗްޑީސީ
"އެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދާނެ،" އެޗްޑީސީން ބުނި އެވެ.

މަގުތަކަށް ގެންނަންޖެހޭ ހުރިހާ ބަދަލުތަކެއް ގެނެސް، ސައިން ބޯޑުތައް ހަރުކުރުމުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށައި، މި އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލަން އެޗްޑީސީން ވަނީ އަމާޒު ހިފައިފަ އެވެ.
ހުޅުމާލޭގައި ފަހަކަށް އައިސް، ވަކިން ހާއްސަކޮށް ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓުތަކަށް މީހުން ބަދަލުވިފަހުން ތޮއްޖެހުން ވަނީ އިތުރުވާން ފަށާފަ އެވެ. އެގޮތުން ފޭސް 2 ގައި މިހާރުވެސް ޕާކިންގެ މައްސަލަތަކާއި، ތޮއްޖެހުމުގެ މައްސަލަތައް އަންނަނީ ދިމާވަމުންނެވެ.











