މިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގައި އޮތް މެނޭޖްމަންޓުން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ މައުލޫމާތުތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނުދެވި ލަސްވަނީ ކުރީގެ ލިޔުންތައް ގެއްލުވާލާފައިވާތީ ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޭސީސީގެ މެންބަރުން މިއަދު ހާޒިރުކޮށް މެންބަރަކު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފެނަކައިގެ މައްސަލަތައް ބެލުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ މައުލޫމާތު ލިބުމުގައި ލަސްތަކެއް އައުން ކަމަށެވެ.
"އަޅުގަނޑުމެން ފެނަކައިން މައުލޫމާތު ހޯދަންވެގެން މިސާލަކަށް އެޕްރީލް މަހު ފޮނުވާފަ އޮތް މައުލޫމާތު ހޯދަން ފޮނުވާފަ އޮތް ކަމެއް، މިއަދާ ހަމައަށްވެސް ނުލިބި އެބައޮތް، އެންމެ މިސާލެއް އަޅުގުނޑު މި ދެންނެވީ،" ޝާމިލް ވިދާޅުވި އެވެ.
ޝާމިލް ދެއްކެވި ވާހަކައިން "އަދަދު" ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރެއް އެކްސްގައި ހިއްސާކުރައްވަމުން މުއާޒު ވިދާޅުވީ އެއްވެސް އިދާރާއަކުން ބޭނުންވާ މައުލޫމާތެއް ނުދީ ފެނަކައިގެ މިހާރުގެ މެނޭޖުމަންޓުން ނުހިފަހައްޓާނެ ކަމަށެވެ. ނަމަވެސް ލިޔުންތައް ދިނުމުގައި ލަސްވަނީ ކުރީގެ ލިޔެކިޔުންތައް ގެއްލުވާލާފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރީގެ ލިޔެކިޔުންތައް ހޯދުމުގައި ލަސްވަނީ ލިޔެކިޔުންތައް ގެއްލުވާލާފައިވާތީ،" މުއާޒު ލިޔުއްވާފައިވެ އެވެ.

ފެނަކަ ކޯޕަރޭޝަން ހިންގުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައި އެބަހުރި ކަމަށާއި ކުންފުނިން "އިން ހައުސް" ކޮށް ހިންގި ގިނަ ޕްރޮޖެކްޓްތަކުން ލިބުނީ ގެއްލުން ކަމަށް މިހާރުގެ މެނޭޖުމަންޓުން ކުރީ ސަރުކާރުގެ މެނޭޖުމަންޓަށް ތުހުމަތުކޮށް ވާހަކަ ދައްކާފައިވެ އެވެ.
ފެނަކައިގެ ދަރަނި ވެސް ހަތަރު ބިިލިއަން ރުފިޔާއަށް އަރަ އެވެ. އެ ކުންފުންޏާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ލިބެމުން ދިޔަ ކަން މިއަދު ބޭއްވި މަޖިލިސް ކޮމިޓީގައި އޭސީސީގެ މެންބަރުން ވެސް ފާހަގަ ކުރެއްވި އެވެ. ތަހުގީގު ކުރާ މައްސަލަތަކުގެ އަދަދު މަދު ނަމަވެސް އެއީ ބޮޑެތި މައްސަލަތަކެއް ކަމަށް އެ ކޮމިޝަނުގެ މެންބަރުން މިއަދު މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައިވެ އެވެ.













