މި ވަގުތު ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ރައްޔިތުން އެއްބާރުލުން ބޭނުންވާ ކަމަށާއި އެކަމަށްޓަކައި ގަރުދިޔަ އާއި ބަތާ ކައިގެން އާދައިގެން ދިރިއުޅުމަށް ތިރިވެލަންޖެހޭ ކަމަށް، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި، ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އަދި ޖުމްހޫރީ ޕާޓީގެ އިސް މަގާމުތަކުގައި އުޅުއްވި އަލީ އާރިފު ވިދާޅުވީ މިއީ ދަތި ދުވަސްކޮޅަކަށް ވިޔަސް، ރާއްޖެ ބަނބުރޫޓު ނުވާނެ ކަމަށާއި ކުރިމަގު ވަރަށް ފާގަތި ކަމަށެވެ.
"މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ކޭކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަށް ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަށް ތިރިވެލުން،" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެބޭންގެ ދެދަރި އަލީ އާރިފު ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރިން މި ވަގުތު ކުރާ މަސައްކަތަށް ކުޑަ ޖާގައެއް ދިނުމަށް އަލީ އާރިފު ގޮވައިލެއްވި އެވެ. އެކަމަށްޓަކައި ބޭކާރު ހޭދަތައް ބޮޑުތަނުްނުން ކުޑަކޮށްފިނަމަ، ކުރިމަގު އުޖާލާކޮށް ފެންނަން އޮތް ފެނުމަށް މާގިނަ ދުވަހެއް ނުނަގާނެ ކަމަށާއި، އޭރުން ރައްޔިތުން ބޭނުންވާ ކަންކަން ކުރެވިގެންދާނެ ކަމަށް އަލީ އާރިފު ވިދާޅުވި އެވެ.
ފައިސާ ޗާޕްކުރުމަކީ ފަސޭހަ ގޮތެއް ކަމަށާއި ނަމަވެސް ރައީސް މުއިއްޒު ބޭނުންވަނީ އެކަން ނުކޮށް ހިތި ބޭސް ބޮއެގެން ވިޔަސް މި ދަތިކަމުން އަރައިގަތުމަށް ކަމަށް އަލީ އާރިފު ފާހަގަ ކުރެއްވި އެވެ. އަދި އޭނާ ދައުލަތުގެ މާލީ ހާލަތު ސިފަކުރެއްވީ ގުނަވަނަކަށް ކެންސަރުޖެހިފައިވާ ބަލި މީހެއްގެ މިސާލުގެ ގޮތުގަ އެވެ.

ކެންސަރު ޖެހުނީމާ ހިތާ ދެކޮޅަށް ވެސް ގުނަވަން ބުރިކޮށްލަންޖެހޭ ކަމަށާއި، މިވަގުތު ކަންކަން ކުރަމުން ދަނީ އެގޮތަށް ކަމަށް އަލީ އާރިފު ވިދާޅުވި އެވެ. އަދި މިނިވަންކަމާ އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންނަށް ބަހުގެ ހަމަލާއެއް
ރައްޔިތުންނަށް ދޭ އެއްވެސް އިނާޔަތެއް ކަނޑާނުލާ ކަމަށާއި ސަރުކާރުން ހަރަދު ކުޑަކުރުމަށް އެޅީ އެހެން ފިޔަވަޅުތައް ކަމަށް އަލީ އާރިފު ވިދާޅުވި އެވެ. އެކަން ފާހަގަ ކުރެއްވުމަށް ފަހު ނޫސްވެރިންނާއި ސިޔާސީ ޕާޓީތަކުން ދޮގު ނުފެތުރުމަށް އޭނާ ގޮވައިލި އެވެ.
"ތެދެއް ކޮންމެ މީހަކަށް ކަށި ނެތް ދުލެއް އޮތީމަ ބޭނުންހާ އެއްޗެއް ގޮވިދާނޭ. އެކަމަކު ގާނޫނު އަސާސީ ތަނެއް ނުދޭ އެކަން ކުރާކަށް. ކޮންމެ މީހަކު މި ބުނަނީ 27 ވަނަ މާއްދާގައި ތިމަންނަމެންނަށް މިނިވަންކަން ލިބިގެންވެއޭ ތިމަންނަ ބޭނުންވާހާ ވާހަކައެއް ދައްކަން، ގަލަމުންނާއި ދުލުން. ނޫން ނުލިބޭ،" އަލީ އާރިފު ވިދާޅުވި އެވެ.
titledesc
އަލީ އާރިފު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މާއްދާގެ ކުރިން، ގާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ހިމާޔަތްކޮށްދީފައި އޮތީ ޒާތީ ދިރިއުޅުން ކަމަށެވެ. އަދި ގާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ނަމާއި އަބުރު ރައްކާތެރިކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކޮންމެ މީހަކަށް ލިބޭ ހައްގުތަކާއި މިނިވަންކަމާއި، އެ މީހަކު އަދާކުރާންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނޭ ދެ އަސާސް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"އަނެކާގެ މިނިވަންކަމާއި ހައްގުތައް ރައްކާތެރި ނުވެވޭހާ ހިނދަކު، އޭނާގެ ނަމާއި އަބުރަށް ރައްކާތެރި ނުވެވޭހާ ހިނދަކު ކަލެއަކަށް ނުވަތަ ތިބޭފުޅާއަކަށް ނުވަތަ ތިބާއަކަށް ލިބިގެންނެއް ނުވެއޭ [ގާނޫނު އަސާސީގެ] ހަތާވީހަކާއި ބައްތިރީހެއް،" އަލީ އާރިފު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވިޔަސް، އެކަންކަމަށް ރައްދު ދެއްވަން އެ މަނިކުފާނު ބޭނުން ނުވާ ކަމަށާއި، އެ މަނިކުފާނަށް އިންތިހާބުތަކުގައި ކާމިޔާބު ލިބެނީ އެހެންވެ ކަމަށް ވެސް އާރިފު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ފުރަތަމަ ތަގުރީރުގައި ގައުމީ ދިދައަށް މުހާތަބު ކުރައްވައި ދެއްކެވި ވާހަކައަށް އެކި މީހުން ހަޖޫޖަހަމުންދާކަން ފާހަގަ ކުރެއްވުމަށް ފަހު އަލީ އާރިފު ވިދާޅުވީ އެގޮތަށް ހަޖޫ ޖެހުމަކީ ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.













