ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރާ މެންބަރުންނަށް "ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން" ކޮންމެ މަހަކު ދެއްވާ ފައިސާއާ ގުޅޭ އެއްވެސް މައްސަލައެއް ބަލަމުންނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ޕީއެންސީ މެމްބަރުންނަށް މިދިޔަ މަހު ވެސް އަދި މި މަހު ވެސް ރައީސް މުއިއްޒު ފައިސާ ދެއްވާފައިވާ ކަމަށް، އެ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުން އަދަދު ނޫހަށް ކަށަވަރުކޮށް ދެއްވި އެވެ. ޕީއެންސީގެ ގިނަ މެންބަރުންނަށް ދެނީ މަހަކު 50،000ރ އެވެ. ނަމަވެސް ނަމަވެސް ބައެއް ދާއިރާތަކުގެ މެންބަރުންނަށް އެއަށް ވުރެ ގިނައިން ދީފައިވާ ކަމަށް, އަދަދު ނޫހާ ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވި އެވެ.
ޕީއެންސީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު އެ މެންބަރުންނަށް ބައިލައްކަ ރުފިޔާ ދޭން މަހެއްގެ މައްޗަށް 3.75 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. މި ފައިސާ ހޯދާ ގޮތެއް މެންބަރުންނަށް ވެސް ނޭނގެ އެވެ.
މިކަމާ ގުޅޭ މައްސަލައެއް ބަލަމުންދޭތޯ "އަދަދު" އިން ސުވާލުކުރުމުން އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިހާތަނަށް މިފަދަ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށާއި އެކަމާ ގުޅޭ މައްސަލައެއް ވެސް ބަލަމުންނުދާ ކަމަށެވެ.
ރައީސް ދެއްވާ ނަގުދު ހަދިޔާގެ އިތުރުންވެސް މަޖިލިސް މެންބަރަކަށް ކޮމެޓީ އެލެވެންސްގެ ގޮތުގައި ލިބޭ 20،000ރ. އާއެކު ކޮންމެ މަހަކު މުސާރައިގެ ގޮތުގައި 82،500ރ. ލިބެ އެވެ. މިއީ ސީދާ ކޮރަޕްޝަނުގެ އަމަލެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުވެސް ވަނީ ސިފަކުރައްވާފަ އެވެ.

މި މައްސަލަ އަމިއްލައަށް އިސްނަގައިގެން އިދާރާތަކުން ބަލަން ޖެހޭނެ ކަމަށްވެސް ޔާމީނު ވަނީ ވިދާޅުވެފަ އެވެ. ސަރުކާރުން ދަނީ މި ވާހަކަތައް ތަކުރާރުކޮށް ދޮގުކޮށް މިއީ ސިޔާސީ ބޭނުމަށް އިދިކޮޅުން ދައްކާ ވާހަކަތަކެއް ކަމަށް ބުނަމުންނެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމާއި މެންބަރުން ރިޝްވަތު ހިފުމަކީ ކުށެއް ކަމަށެވެ. އެ ކުށުގެ އަދަބަކީ ގިނަވެގެން 7 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.
titledesc
ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ފައިސާ ދޭން ނިންމިކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ މުލިއާގޭގައި މެއި 22، ގައި ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުންނާއި ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
"ރައީސްގެ ފަރާތުން" މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު 50،000ރ. ދެއްވާނެ ކަމަށް އެދުވަހު ރައީސް ވިދާޅުވުމުން، އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ބުނެ އެގޮތަށް އެކަން ނުކުރުމަށް ބައެއް މެންބަރުން އެދުވަހު ރައީސްގެ އަރިހުން އެދުނު ކަމަށް ވެސް މި ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް "އެއީ އެއްވެސް މައްސަލައެއް ނޫން" ކަމަށް ރައީސް މުއިއްޒު އެ ދުވަހު ވިދާޅުވެ އެކަން އެމަގުން ކުރައްވަމުން ގެންދަވަނީ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.













