ހުޅުމާލޭ ރައްޔިތުން އަދި ޒިޔާރާތްކުރާ ފަރާތްތަކުން އެއްވެ ހިތްފަސޭހަކޮށްލަން އޮތް ސެންޓްރަލް ޕާކުގައި ތިން ކިއޮސްކެއް ހަދާ އެތަނުގައި ވިޔަފާރިކުރާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.
ހުޅުމާލޭ ދެ ފިޔަވަހީގައި ހުރި ބައެއް ހުސް ބިންތަކުގައި ކިއޮސްކު އަދި ކޮމާޝަލް އައުޓްލެޓު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީއިން އިއުލާނުކުރީ ޖުލައި 11، ގަ އެވެ.
އޭގެ ތެރެއިން ކިއޮސްކު ހަދަން ކުރި އިއުލާނާއެކު ކިއޮސްކުތައް ތަރައްގީކުރެވޭނެ 11 ހުސް ބިމެއްގެ ތަފުސީލާއި އެ ތަންތަނުގެ ޑިސައިންގެ ތަފުސީލުތައް އެޗްޑީސީއިން ވަނީ ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން ތިން ކިއޮސްކެއް ތަރައްގީކުރަން ނިންމާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
އެގޮތުން ސެންޓްރަލް ޕާކުގެ ދެކުނު ދެ ފަޅީގައި އަދި އުތުރުގެ ހުޅަނގު ފަޅީގައި ކިއޮސްކުތައް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އެ އިއުލާނުގައި ވެ އެވެ. މިއީ ސެންޓްރަލް ޕާކުގައި ދާއިމީ ގޮތެއްގައި ދިގުމުއްދަތަކަށް ވިޔަފާރި ކުރުމަށް ދެވޭ ފުރަތަމަ ފުރުސަތެވެ.
އެ އިއުލާނުގައި އެޗްޑީސީއިން ބުނީ އެ ކުންފުނިން އިސްކަންދޭ މޮޑަލް އަކީ ތަރައްގީކުރާ ތަންތަން ކުއްޔަށް ދީގެން ހިންގުން ނަމަވެސް ދެ ފަރާތައް ފައިދާވާނެ އެހެން މޮޑެލްތަކުގެ ހުށަހެޅުންތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ.

މިކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 28، ގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.












