ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، އިގްތިސާދު ދަށްވުމުގެ ސަބަބުން "ހިތި ބޭހެއް" ބޯން ޖެހުނަސް މާލޭގައި ތިއްބެވި ބޮޑުން އެކަން އެގޮތަށް ކުރަން ނުޖެހޭނެ ކަމަށާއި ސަރުކާރުން އެތައް ކަމެއް ހާމަނުކުރާތީ މިއީ ސިއްރު ދައުލަތެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ސިފަކުރައްވައިފި އެވެ.
އެމަނިކުފާނުގެ ޕާޓީ, ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ "ފްރޮންޓް އޮފީސް" ޖަލްސާގައި ޔާމީން ވަނީ ސަރުކާރުން މާލީ ހާލަތު ސިއްރު ކުރަމުންދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ގަވާއިދުން ޝާއިއުކުރަމުންދިޔަ މާލީ ހާލަތާ ގުޅޭ ރިޕޯޓުތައް މިހާރު ސިއްރުކޮށްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ވެރިކަމާ ހަވާލުވެ ސަރުކާރުން ކޮށްފައިވާ ބައެއް ހަރަދުތަކަކީ މާލީ ހާލަތާ ނުބައްދަލު ހަރަދުތަކެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވި އެވެ. އޭގެ ތެރޭގައި, ރަސްމާލެ މަޝްރޫއު އާއި ޑްރޯން ގަތުމާއި އަދި ސަރުކާރުން ހަފްލާތަކަށް ކުރި ހަރަދުތައް ޔާމީން ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ މީހުން މަގޫ ފަތް ކެއި ވާހަކަ އަޑު އެހިން. ހަމަ ގައިމު ވެސް މާލޭގައި ތިބޭ ބޮޑުންނެއް މަގޫފަތެއް ނުކައި. ހިތިބޭސް ބޯން މި އަންގަނީ. މާލޭގައި ތިބި ބޮޑުންނެއް ހިތި ބޭހެއް ނުބޯނޭ. ހިތި ބޭސް ބޯންޖެހޭނީ ނިކަމެތި ދިވެހި ރައްޔިތުން," ޔާމީން ވިދާޅުވި އެވެ.
"މި ހުރިހާ ހިތި ބޭހެއް ބޮއެގެން ކޮންއިރަކުންހޭ މާމުއި ކޮޅެއް ބޯލަން ލިބޭނީ. ނެތެއް ނޫންތޯ އެކަން ވާކަށް. މާމުއިކޮޅެއް ބޮވޭނެ ގޮތެއް ނެތޭ."

އެ ހާލަތަށް ނުދިޔުމަށްޓަކައި މިހާރު އޮތް ހާލަތު ބަދަލުކުރަން ޖެހޭ ކަމަށާއި ރައްޔިތުންނާއި ތެދު ބަހުން ވާހަކަ ދައްކައި ހުރިހާ ކަމެއް ހާމަކުރުމަށް ޔާމީން ގޮވާލެއްވި އެވެ.
"ރައްޔިތުންގެ މަޖިލީހުން މިކަންކަން ސިއްރުކޮށްފައި ހަގީގަތުގައި ދޭން ޖެހޭ މައުލޫމާތު ނުދީ މިކަން ކުރާ ކަމަށްވަންޏާ އަޅުގަނޑު ހިތަށް އަރަނީ މިއީ ސިއްރު ދައުލަތެއް ނޫންހޭ. މިއީ ސިއްރު ދައުލަތަކަށް ވެއްޖެ އެނގޭތޯ," ޔާމީން ވިދާޅުވި އެވެ.
މީހުންނަށް ނޭނގޭ ވަރަށް ގިނަ ކަންކަން ހިނގަމުންދާ ކަމަށް ވިދާޅުވެ ޔާމީން ވަނީ އެކަންކަން ރައްޔިތުންނަށް ކިޔައިދޭންތިބީ ކޮންބައެއްތޯ ސުވާލު އުފައްދަވާފަ އެވެ. ޔާމީން ސަރުކާރުގެ ބައެއް އަމަލުތައް ސިފަކުރެއްވީ "ނާމާން" ކަންކަމުގެ ގޮތުގަ އެވެ.
"މަޖިލީހުން އެ ވާހަކަ ދެއްކި މެންބަރަށް އަޅުގަނޑު ދަންނަވާނީ ދެ ފުށް ފެނިއްޖޭ. ދެ ފުށްތޯ ފެނިގެން މި އުޅެނީ. ހުރިހާ ފުށެއް ފެނިގެން މި އުޅެނީ. އެކަހަލަ ވާހަކަ ދައްކާއިރު ރައްޔިތުން ތިބި ހާލެއް އަޅުގަނޑުމެންނަށް ނޭނގޭ," ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޔާމީން ވިދާޅުވި އެވެ.
ރައްޔިތުން މި ސަރުކާރު ގެނައީ ވަރަށް އުންމީދުތަކާ އެކު ކަމަށާއި ސަރުކާރުގެ އަމަލުތައް ހުރީ އެ އުންމީދުތަކާ ދެކޮޅަށް ކަމަށް ޔާމީންގެ ވާހަކައިގައި ވިދާޅުވި އެވެ.













