ހުޅުމާލޭގެ ހުސް ސަރަހައްދުތަކުގައި ކިއޮސްކު އަދި ކޮމާޝަލް އައުޓްލެޓެއް ހަދައިގެން އެތަންތަނުގައި ވިޔަފާރި ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.
އޭގެ ތެރެއިން ކޮމާޝަލް އައުޓްލެޓް ހަދަންޖެހޭނީ ދެ ވަނަ ފޭސްގެ ޗެނަލް ޕާކު ސަރަހައްދުގައި ކަމަށް އެޗްޑީސީން ބުނެ އެވެ. ކިއޮސްކް ތަރައްގީ ކުރާނެ ބިންތަކެއް ވެސް އެޗްޑީސީން ވަނީ ނިންމައިފަ އެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކިއޮސްކުތަކާއި ކޮމާޝަލް އައުޓްލެޓް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ އިއުލާނުގައި އެޗްޑީސީއިން ބުނީ އެ ކުންފުނިން އިސްކަންދޭ މޮޑަލް އަކީ ތަރައްގީކުރާ ތަންތަން ކުއްޔަށް ދީގެން ހިންގުން ނަމަވެސް ދެ ފަރާތައް ފައިދާވާނެ އެހެން މޮޑެލްތަކުގެ ހުށަހެޅުންތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ.
އެޗްޑީސީއިން ވަނީ މިއަދު ކުރި އިއުލާނާއެކު ކިއޮސްކުތައް ތަރައްގީކުރެވޭނެ 11 ހުސް ބިމެއްގެ ތަފުސީލާއި އެ ތަންތަނުގެ ޑިސައިންގެ ތަފުސީލު އަދި އީއޯއައި ހުށަހަޅަން ބޭނުންވާ ފޯމުވެސް ވެބްސައިޓުގައި ހިމަނާފަ އެވެ.

މިކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 28، ގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
ކިއޮސްކުތަކަކީ ހުޅުމާލޭގައި ކުރިއްސުރެ ހިންގަމުން އައި ހަޓުތަކުގެ ބަދަލުގައި އެޗްޑީސީއިން ތައާރަފުކޮށްފައިވާ އާ ޑިޒައިނެކެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގަވާއިދާ ހިލާފަށް ހިންގި ހަޓުތައް ނެގުމަށްފަހު އެ ސަރަހައްދުގައިވެސް އެޗްޑީސީއިން ދަނީ ކިއޮސްކުތަކެއް ހަދަމުންނެވެ.
ނަމަވެސް މި ކިއޮސްކުތައް ކުއްޔަށް ދޫކުރާނެ ގޮތުގެ އުސޫލެއް އަދި ތަފުސީލެއް އެ ކުންފުނިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.












