އިދިކޮޅު އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާއެއް ފެށުމުގެ ގޮތުން ގުރުއާން ކިޔެވުމުން، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ކަނޑާލި މުވައްޒަފު ބަރާބަރަށް ވަޒީފާއަށް ދިޔަ ކަމަށް އޭނާ މިއަދު ބުނެފި އެވެ.
ވަޒީފާއިން ވަކިކުރީ އެޗްޑީސީގެ އޮޕަރޭޝަންސް އޮފިސަރު އަހުމަދު ޝާއިން އެވެ. އެ ކުންފުނިން އޭނާއަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރީ ތިން ދުވަހަކު ވަޒީފާއަށް ނުނިކުތުމާ ގުޅިގެން ކަމަށެވެ. ޗިޓު ފޮނުވާފައިވަނީ ޖުލައި 8، ގަ އެވެ.
"އަދަދު" އާ ވާހަކަ ދައްކަމުން ޝާއިން ބުނީ އޭނާއަކީ ބަރާބަރަށް ވަޒީފާއަށް ނުކުންނަ މީހެއް ކަމަށާއި ޗިޓު ފޮނުވި ދުވަހު ވެސް އޭނާ އޮފީހަށް ދިޔަ ކަމަށެވެ. އޭނާ ވަނީ މަސައްކަތަށް ރިޕޯޓުކޮށްފައިވާ ކަމުގެ ހެކިވެސް ހިއްސާކޮށްފަ އެވެ.
މައްސަލައިގައި ޝާއިން ކަނޑާލީ ވަޒީފާއަށް ފިލައިގެން އުޅޭތީ ކަމަށް އެޗްޑީސީއިން ބައެއް ނޫސްތަކަށް މައުލޫމާތު ދިނުމުން އެޗްޑީސީގެ ޑިރެކްޓަރަކަށް ގުޅުމުން މިއީ 'ޕޮލިޓިކްސް' ކަމަށް އޭނާ ކައިރި ބުނި ކަމަށް ވެސް ޝާއިން ބުންޏެވެ. އޭނާ ވަނީ އެ ފޯނު ކޯލުގެ ރެކޯޑިން ވެސް ހިއްސާކޮށްފަ އެވެ.
"ކީއްކުރާނީ ބްރޯ، މިއީ ޕޮލިޓިކްސް، މަށާ ބެހޭ ކަމެއް ނޫން އިނގެ އެންނު ތިގޮތަށް ކަނޑާލަންޏާ ބްރޯއެއް ނޫނެއްނު މަ ކަނޑާލާނީކީ، ވަރަށް ބައިވަރު މީހުން އެބައުޅޭތާ ހަމަ އެއްގޮތަކަށް ވެސް އޮފީހަށް ނާންނަ މީހުން،" އެ ރެކޯޑިންގައި އެޗްޑީސީގެ އޮފިޝަލަކު ބުނާ އަޑު އިވެ އެވެ.

އަދި، ޝާއިން ކަނޑާލީ ވަޒީފާއަށް ފަރުވާ ކުޑަވުމުން ކަމަށް ބުނެ ނޫސްތަކަށް މައުލޫމާތު ދިނީ ކުންފުނީގެ އިމޭޖު ދަމަހަށްޓަން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
މި މައްސަލާގައި އިދިކޮޅު އެމްޑީޕީއިން ވެސް އިއްޔެ ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ. އެޗްޑީސީގެ ނިންމުން، "ހަރުއަޑުން ކުށްވެރިކޮށް" އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.
"ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ އެއްވެސް މުވައްޒަފަކު ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ ނުވަތަ ތާއީދުކުރާތީ ނުވަތަ ހަރަކާތެއްގައި ބައިވެރިވާތީ ވަޒީފާގެ ބިރުވެރިކަން ނޯންނާނެ ކަމަށް ރައީސް ޑރ. މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވަނީ ވައުދެވެވަޑައިގެންފަ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ނަމަވެސް، ރައީސްގެ އެ ވައުދާ ހިލާފުވެ ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކަމުން އަންނަ ކަމަށާއި އެކަން އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އިދިކޮޅުން ބުނެފައިވެ އެވެ.











