ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
ރައީސް އޮފީހާގެ އޮފިޝަލުންނާ ހަވާލާދީ ސްރީލަންކާ ގާޑިއަންއިން ބުނީ ރައީސް މުއިއްޒު ލަންކާއަށް ވަޑައިގަންނަވާކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ލަންކާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހަށް އެޕްރޫވަލް ހޯދަން ހުށަހަޅާފައިވާ ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.
ނަމަވެސް މި ދަތުރުފުޅާ ގުޅޭގޮތުން ރަސްމީކޮށް މިހާތަނަށް ރައީސް އޮފީހުން އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރެއިން ލަންކާގެ އިސްވެރިންނާ ބައްދަލުކުރެއްވައި، އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ޗައިނާއަށެވެ. އެ ދަތުރުފުޅަށްފަހު ރައީސް ވަނީ ތުރުކީގެ އިތުރުން ޔޫއޭއީއަށް ވެސް ވަޑައިގެންފަ އެވެ.
އެންމެ ފަހުން ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވި ރަސްމިއްޔާތަށް އެ ގައުމަށެވެ.












