ރައްޔިތުންގެ މަޖިލީހާއި މިނިވަން ކޮމިޝަންތަކާއި މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކޮށް މުއައްސަސާތައް ވެސް މަދު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ހިންގާ ޕީއެންސީއިން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަަކަ ދައްކަވަމުން ރައީސް ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން އެމަނިކުފާނު ކުރައްވަން ބޭނުންވާ ވަރަށް ގިނަ ކަންކަން ހިއްސާ ކުރައްވާފަ އެވެ. މަޖިލިސް މެންބަރުން މަދު ކުރުމާއި މުއްސަސާތައް މަދު ކުރެއްވުމަކީ އޭގެ ތެރެއިން މުހިންމު ދެކަމެވެ.
"ކުރިއަށް އޮތް ތަނުގައި ހޮވާ މަޖިލީހަކީ 93 ނޫނީ އެއަށްވުރެ ބޮޑުވެގެންދާ އަދަދެއްގެ ބަދަލުގައި 77 އަކަށް ނޫނީވިއްޔާ އެހާ ހިސާބަށް ގާތްގަނޑަކަށް އެހާ ހިސާބަށް ހަމަޖެހޭ ވަރުގެ އަދަދަކަށް ކުޑަކޮށް އެއަށްވުރެ ބޮޑުނުވާ ގޮތަށް ގާނޫނުތަކަށް އިސްލާހު ގެންނަން ސަރުކާރުން އިރާދަކުރެއްވިއްޔާ ހުށަހަޅާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ވަރަށް ގިނަ މުއައްސަސާތައް އުފައްދާފައިވާ ކަމަށާއި އިހުލާސްތެރި މަސައްކަތެއް ކުރަން "ބޮޑު ޓީމެއް" ބޭނުން ނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކޮމިޝަންތަކުގެ މެންބަރުން މަދުކޮށް، އެއް ކަހަލަ މަސައްކަތް ކުރާ މުއައްސަސާތައް އެއްކޮށްލައްވާނެ ކަމަށެވެ.
"މިތަންތަން ވެސް އާދަޔާ ހިލާފަށް ބޮޑެތި އަދަދުތަކުން މެންބަރުން ހަމަޖައްސާފައި ހުންނަނީ ގާނޫނުތައް ބުނާ ގޮތުން. އަޅުގަނޑު ދެކޭ ގޮތުގައި ފަސް މީހުން، ހަތް މީހުން، 10 މީހުން، މިހާ ގިނަ އަދަދަކަށް ކޮމިޝަންތަކުގައި މެންބަރުން ތިބޭކަށް ނުޖެހޭ. އިހުލާސްތެރިކަމާއެކީގައި ތެދުވެރިކަމާއެކީގައި ރައްޔިތުންނާ އެކީގައި ކަމެއް ކޮށްދޭކަށެއް ބޮޑު ޓީމެއް އޮންނާކަށް ނުޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، ކައުންސިލްތަކުގެ ސައިޒު ކުޑަކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސްގެ އިންތިހާބު އެއްކޮށް ބާއްވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުން. އެއިރުން އަޅުގަނޑުމެންނަށް އެބަ ސަލާމަތް ކުރެވޭ ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކައުންސިލުތަކުގެ ސައިޒު ކުޑަ ކުރުމުން އޭގެ ފައިދާ ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.
"ރައްޔިތުންގެ ފަރާތުން ހުންނަ ވެރިއެއްގެ ގޮތުގައި ކައުންސިލުގެ ރައީސަކާއި ނައިބު ރައީސްއަކާ ހޮވީމަ އާބާދީގެ ގޮތުން ކުދި ރަށްތަކަށް ފުދޭނެ. އަދި އާބާދީގެ ގޮތުން އެއަށްވުރެ ތަންކޮޅެއް ބޮޑެތި ރަށްތަކަށް އެއަށްވުރެ އަދަދު ބޮޑުކޮށްލިޔަސް އަދި ސިޓީތަކަށް އެއަށްވުރެ ތަންކޮޅެއް ބޮޑުކޮށްލިކަމުގައި ވިޔަސް މިހާރަށްވުރެ ސައިޒު ކައުންސިލުތަކުގެ ކުޑަ ކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ރައްޔިތުންގެ ވިންދާ ގުޅޭ ގޮތް ކަމުގައި އަޅުގަނޑު ގަބޫލު ކުރަން،" ރައީސް ވިދާޅުވި އެވެ.













