ބޭނުންވެވަޑައިގަންނަވަނީ ކައުންސިލުތަކުގެ ސައިޒު ކުޑަކޮށް، ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވަން ކަމަށާއި އެކަން ކުރަން ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ހިންގާ ޕީއެންސީގެ ފަރާތުން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވައިފި ވަރަށް ބޮޑުތަނުން ހަރަދު ކުޑަވާނެ ކަމަށާއި އެއިރުން ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުން. އެއިރުން އަޅުގަނޑުމެންނަށް އެބަ ސަލާމަތް ކުރެވޭ ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ،" ރައީސް ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށް ބާއްވާ ނަމަ ގާނޫނުއަސާސީ ބުނާ ގޮތުން ދާންޖެހެނީ އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށެވެ. އެފަދަ ވޯޓަކަށް ގޮސްފި ނަމަ އެ އިސްލާހަށް ތާއީދު ކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ކައުންސިލްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ތިބޭ އަދަދަށް އެއްގޮތަކަށް ވެސް ކައުންސިލްތަކަށް މެންބަރުން ބޭނުން ނުވާ ކަމަށެވެ. ރައްޔިތުންނަށް އެންމެ ފައިދާވާނީ ކައުންސިލުތަކުގެ ސައިޒު ކުޑަކޮށްގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކައުންސިލުގެ ސައިޒު ކުޑަ ކުރުމަކީ ރައްޔިތުންގެ ޓްރޫ ރިޕްރެޒެންޓޭޝަން ދޫކޮށްލުމެއް ނޫން. އެއްގޮތަކަށް ވެސް އެހެނެއް ނޫން. މިސާލަކަށް ދަންނަވަންޏާ، މުޅި ގައުމުގެ ކަންކަން ނިންމަން ދައުލަތުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި މި ހޮވަނީ އެންމެ މީހެއް. އެހެންވީމަ ރަށެއްގެ 300 މީހުން، 500 މީހުން، ހާހެއްހާ މީހުންގެ ރަށެއްގައި ފަސް މީހުން، ހަތް މީހުން ހޮވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ކައުންސިލުތަކުގެ ސައިޒު ކުޑަ ކުރުމަކީ ރައްޔިތުންގެ ބައިވެރިވުން ދޫކޮށްލުން ނޫން ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި އެެމަނިކުފާނު ނެންގެވީ ގައުމުގެ ވެރިއެއްގެ ގޮތުގައި އެކަކު ހުރުމެވެ.
"ރައްޔިތުންގެ ފަރާތުން ހުންނަ ވެރިއެއްގެ ގޮތުގައި ކައުންސިލުގެ ރައީސަކާއި ނައިބު ރައީސްއަކާ ހޮވީމަ އާބާދީގެ ގޮތުން ކުދި ރަށްތަކަށް ފުދޭނެ. އަދި އާބާދީގެ ގޮތުން އެއަށްވުރެ ތަންކޮޅެއް ބޮޑެތި ރަށްތަކަށް އެއަށްވުރެ އަދަދު ބޮޑުކޮށްލިޔަސް އަދި ސިޓީތަކަށް އެއަށްވުރެ ތަންކޮޅެއް ބޮޑުކޮށްލިކަމުގައި ވިޔަސް މިހާރަށްވުރެ ސައިޒު ކައުންސިލުތަކުގެ ކުޑަ ކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ރައްޔިތުންގެ ވިންދާ ގުޅޭ ގޮތް ކަމުގައި އަޅުގަނޑު ގަބޫލު ކުރަން،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓުކޮށް، މިނިވަން ކޮމިޝަންތަކުގެ އަދަދު މަދު ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.













