ވޭސްޓު މެނޭޖުމަންޓު ކޯޕަރެޝަން (ވެމްކޯ) އިން ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް އިމާރާތްތައް ފޮޅައި ސާފު ކުރުމުގެ މަސައްކަތް ވެސް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު އަބްދުލްކަރީމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން އަބްދުލްކަރީމް ވިދާޅުވީ އިމާރާތް ފުޅައި ސާފު ކުރުމުގެ މަސައްކަތް ދޭނީ ކުނި އުކުމުގެ ހިދުމަތާ އެކު، ދެ ހިދުމަތް އެއްކޮށްލައިގެން ކަމަށެވެ.
"އެހެންވެ މި ދެ ހިދުމަތް އެއްކޮށްފައި ސަރުކާރު އޮފީސްތަކަށް ހާއްސަކޮށްގެން ފަށާ ޕްރޮގްރާމުގައި ބައެއް ބޭފުޅުންނާއި މަޝްވަރާ ކުރަމުން މިހާރު ދަނީ. އަދި އެ ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުން،" އަބްދުލްކަރީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެމްކޯއަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވާތީ ސަރުކާރު އިމާރާތްތައް ފޮޅައި ސާފު ކުރާނެ ފަރާތެއް ހޯދުމަށް މީގެ ކުރިން އައި ބިޑިން ޕްރޮސެސް ކުރިއަށް ނުގެންގޮސް ވެސް ސަރުކާރުގެ އޮފީސްތަކާއި އިމާރާތްތައް ފޮޅައި ސާފު ކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލު ކުރެވޭނެ ކަމަށެވެ.
"މި ހިދުމަތް ރަސްމީކޮށް ލޯންޗުކުރުން ވަރަށް އަވަހަށް އަޅުގަނޑުމެން އިއުލާން ކުރާނަން، ފޮޅާ ސާފުކުރުމުގެ ހިދުމަތްދޭ މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމުތައް ވެސް އަޅުގަނޑުމެން މިހާރު ވާނީ ފަށާފައި،" އަބްދުލްކަރީމް ވިދާޅުވި އެވެ.

އިމާރާތްތައް ފޮޅައި ސާފު ކުރުމުގެ މަސައްކަތަކީ މިހައިތަނަށް ޕްރައިވެޓު ކުންފުނިތަކުން ކުރަމުން އައި މަސައްކަތެކެވެ. އެ މަސައްކަތަށް ހާއްސަ ބައެއް ކުންފުނިތައް ވެސް ރާއްޖޭގައި ހަރަކާތްތެރިވަމުން ދާއިރު، އެ ފަދަ ކުންފުނިތަކުގެ ވަޒީފާގައި ގިނައިން އުޅެނީ ބިދޭސީންނެވެ.
ވެމްކޯއިން އެ މަސައްކަތް ކުރަން ފެށުމާއެކު ޕްރައިވެޓު ކުންފުނިތަކަށް މާކެޓު ގެއްލުނު ނަމަވެސް ދިވެހީންނަށް އިތުރު ވަޒީފާތަކެއް ލިބުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.












