އެމްޕީއެލްގެ ރިޓަޔާމެންޓަށް މިއަހަރު ކަނޑައެޅި ރިޓަޔާމެންޓު ބަޖެޓު ހުސްވެ، އެ ކުންފުނީގެ މުވައްޒަފުން އަމިއްލައަށް އެދިގެން ރިޓަޔާ ކުރުމުގެ ފުރުސަތު ދިނުން މެދުކަނޑާލައިފި އެވެ.
އެމްޕީއެލްގެ މުވައްޒަފުން އަމިއްލައަށް އެދިގެން ރިޓަޔާ ކުރުމުގެ ފުރުސަތު ދިނުން މެދުކަނޑައިލި ކަމަށް އެންގީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު، މުހައްމަދު މަހްޖޫބު މިދިޔަ އަންގާރަ ދުވަހު ކުންފުނީގެ ހުރިހާ ޑިޕާޓުމެންޓަށް ފޮނުވި މެމޯއެއްގަ އެވެ. "އަދަދު" އަށް ވަނީ އެ މެމޯގެ ކޮޕީއެއް ލިބިފަ އެވެ.
އެމްޕީއެލްއިން ވަނީ އެ މެމޯގެ ސައްހަކަން ކަށަވަރު ކޮށްދީފަ އެވެ. އަހަރު ދެބައިވުމުގެ ކުރިން އެ ނިންމުން އެމްޕީއެލުން ނިންމާފައި މިވަނީ ގައުމުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށެވެ.
ސަރުކާރުން ވަނީ ދައުލަތުގެ ރިކަރަންޓު ހަރަދުތައް ކުޑަ ކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މިނިސްޓަރީތަކަށް ވެސް އަންގައިފަ އެވެ. އެ ނިންމުމާ ގުޅިގެން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ނަމަވެސް އެކަމުގެ މާބޮޑު ތަފުސީލެއް ސަރުކާރުން ނުދެ އެވެ.













