އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ ދަރިފުޅު އަބްދުﷲ މާހިލް ޝަހީމް، މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ އިސް މަގާމަކަށް އައްޔަންކޮށްފި އެވެ.
އެކަން ފޮރިން މިނިސްޓްރީން ރަސްމީކޮށް ހާމަ ނުކުރެ އެވެ. ނަމަވެސް "އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި، މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ ތާޑް ސެކްރެޓަރީގެ މަގާމަށް މިދިޔަ ޖޫން މަހު މާހިލް ވަނީ އައްޔަންކޮށްފަ އެވެ.
އެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މާހިލް އަށް މަހަކު 100،000ރ. ލިބެ އެވެ.
އަންބަކާއި ދަރިޔަކު ހުންނަ މާހިލް ދިރިއުޅެނީ މެލޭޝިއާގަ އެވެ.
މާހިލްގެ ސޯޝަލް މީޑިއާ ޕްރޮފައިލް ތަކުން އިނގޭ ގޮތުގައި އޭނާ މަތީ ތައުލީމު ހާސިލްކޮށްފައި ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ އިންނެވެ. ނަމަވެސް، ހާރިޖީ ދާއިރާގައި މީގެ ކުރިން އެއްވެސް މަގާމެއް އޭނާ އަދާނުކުރެ އެވެ.

މިނިސްޓަރު ޝަހީމުގެ ދަރިފުޅު ސިޔާސީ މަގާމަކަށް އައްޔަންކޮށްފައި މިވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތައް މަދުކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.
މިނިސްޓަރު ޝަހީމްގެ އަނބިކަނބަލުން ފާތިމަތު އާފިޔާ އަކީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގެ މެންބަރެކެވެ.












