ރާއްޖެއަށް ވަގަށް ސިގިރެޓުތަކެއް އެތެރެ ކުރި ކަމަށް ބުނެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި އެ ވާހަކަ ފެތުރޭތާ އެތައް ދުވަހެއް ފަހުން މިދިޔަ ހޯމަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އެ ސިގިރެޓުތައް ހޯދައިފި އެވެ.
ކަސްޓަމުން ހޯދީ 173 ކާޓަންގެ ސިގިރެޓެވެ. އެ ސިގިރެޓުތަކުގެ މާކެޓު އަގަކީ 1.6 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ވެސް 5.6 މިލިއަން ރުފިޔާ ދައްކަންޖެހޭނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ކަސްޓަމްސް އިން ބުނީ ސިގިރެޓުތައް އަތުލައިގަތުން ލަސްވީ އެ ތަކެތި ގެންދާ ތަނަކާއި އެކަމުގައި ބައިވެރިވާ މީހުން ދަނެގަތުމަށް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ކަސްޓަމްސް އިން ނުބުނެ އެވެ.
ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ ހިލާފަށް މުދާ އެތެރެ ކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު ކަސްޓަމްސް އިން އަޅަމުންދާނެ ކަމަށް ވެސް އެ ސާވިސް އިން ބުނެ އެވެ.










