ނ. ވަވައްޗަށް ޑިންގީއެއްގައި ލެއްގި ސޯމާލިއާ މީހުން ނ. ހޮޅުދޫގައި ބޭތިއްބުމަށްފަހު، ފާޑުކިޔުން އަމާޒުވުމުން ހުޅުމާލެ އިމިގްރޭޝަން ފެސިލިޓީއަށް ބަދަލުކޮށްފި އެވެ.
ފުލުހުން ބުނީ ވަވައްޗަށް ލައްވި ޑިންގީގައި ތިބި ތިން މީހުން ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ފެސިލިޓީއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
ސޯމާލިއާ މީހުން ހޮޅުދޫގައި މަގުމަތީގައި އުޅޭ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް، ގިނަ ފަރާތްތަކުން ވަނީ އެކަމާ ގުޅިގެން ފާޑު ކިޔާފަ އެވެ.
އެ މީހުން ދަތުރުކުރަމުންދިޔައީ އައުޓްބޯޑް އިންޖީނެއް އަޅާފައި އޮތް ކުޑަކުޑަ ޑިންގީއަކުންނެވެ.
ސޯމާލިއާއަކީ ރާއްޖޭގެ ހުޅަނގުން ގާތްގަނޑަކަށް 3,000 ކިލޯމީޓަރު ދުރުމިނުގައި އޮތް ގައުމެއް ކަމަށްވާއިރު ރާއްޖެއަށް އެ މީހުން ލެއްގީ ބެހިގެންނެވެ.

މީގެކުރިން ވެސް ސޯމާލިއާއަށް ނިސްބަތްވާ މީހުން ޑިންގީތަކާ އެކު ރާއްޖެއަށް ލައްގާފައި އެބަހުއްޓެވެ. އެ ގައުމުގެ ކަނޑުގެ ސަރަހައްދަކީ ކަނޑުފޭރޭ މީހުން ގިނަ ނުރައްކާތެރި ކަނޑުގެ ސަރަހަދެއްގެ ގޮތުގައި މަޝްހޫރު ތަނެކެވެ.












