ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ "ގާތްވުމަށް" ސިހުރު ހެދިކަމުގެ ތުހުމަތުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އާއެކު އިތުރު ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުން މި ދެ މީހުން ހައްޔަރުކުރީ ޖޫން 23, ގަ އެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
"އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެން ހައްޔަރުކުރީ ޝަމްނާޒްގެ ކޮއްކޮ އާއި ސިހުރި ހެދި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. އެނގިފައިވާ ގޮތުގައި އެ މީހުން ހާޒިރުކޮށް، މުއްދަތު ޖެހީ ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުންނެވެ.
ޝަމްނާޒްއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ.
ޝަމްނާޒް ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅެމުންދިޔަ ގެ ފުލުހުން ބަލައި ފާސްކުރި އެވެ. އަދި ފުލުހުން އެ ގެއިން ބައެއް ސާމާނު ވެސް ގެންގޮސްފައިވާކަން މި ނޫހަށް ކަށަވަރުކުރެވިފައިވެ އެވެ.














