ކުރީ ސަރުކާރުގެ ދުވަސްވަރު ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް، "ބޮޑެތި ވައްކަން" ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެކަމުގައި ޝާމިލުވާ މީހުންގެ "ހަތަރެސްފައި ބުރިކުރަން" ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީގެ މެންބަރަކު ގޮވައިލައްވައިފި އެވެ.
މިހެން ގޮވާލީ ރާއްޖޭގެ ބޮޑު ބަޔަކަށް ކަރަންޓާއި ފެނުގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަނުގެ ތެރޭގައި އެކިއެކި ސަރުކާރުތަކުގެ ދުވަސްވަރު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލަތައް ބަލަން ގޮވައިލައި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.
އެ ބަހުސްގައި ވިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒު ވިދާޅުވީ ވައްކަންތައް ބަލައި، (އެެކަންކަމުގެ ޒިންމާ އުފުލަން ޖެހޭ މީހުންގެ) ހަތަރެސްފައި ބުރިކޮށް ޖަލަށް ލައިގެން ނޫނީ އެކަފަދަ މައްސަލަތަކަށް ދުވަހަކު ވެސް ހައްލެއް ނާންނާނެ ކަމަށެވެ.
އޭނާ އެ މޭރުމުން ވާހަކަ ކުރިއަށް ގެންދަވަން ފެށްޓެވުމުން، އެގޮތަށް ވާހަކަ ނުދައްކަވަން މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އިރުޝާދުދެއްވި އެވެ.
"އަޅުގަނޑު ގޮވައިލަން މި އިއްޒަތްރި މަޖިލީހަށްް، ނިމިދިޔަ ސަރުކާރުން ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް، ކޮށްފައިވާ މިފަދަ ވައްކަންތައް ބަލައި ހަތަރެސްފައި ބުރިކޮށް، މިބޭފުޅުން ޖަލަށް ލާން،" މެންބަރު އާޒިމް ވިދާޅުވި އެވެ.

އެހެން ނޫނީ ދައުލަތުން ވައްކަން ކުރުމުގެ މައްސަލައަށް ދުވަހަކު ވެސް ހައްލެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހިސާބަށް ވާހަކަ ގެންދެވުމުން، ރިޔާސަތުން މަޖިލީހުގެ ރަައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "އިއްޒަތްތެެރި މެންބަރުން ވާހަކަަ ދައްކަވާއިރު ކޮންމެވެސް ވަރަކަށް ބައްލަވައިލައްވަން އެބަ ޖެހިވަޑައިގަންނަވާ" ކަމަށެވެ.
"އެއީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް މި މަޖިލީހުގައި ވާހަކަ ދެއްކޭނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެމަނިކުފާނު އެހެން ވިދާޅުވުމާ އެކު މެންބަރު އާޒިމް ވިދާޅުވީ "ދީނުގައި އޮންނަނީ ވައްކަން ކުރާ މީހާ އަތްކަނޑަން" ކަމަށެވެ.
އަބްދުއް ރަހީމް ވިދާޅުވީ އެކަން އެގޮތަށް ކުރަން ދީނުގައި އޮންނަނީ ވައްކަން ކުރިކަން ސާބިތުވީމާ ކަމަށެވެ.
"އެހެންވީމާ ތުހުމަތަށް ދެކެވޭ ވާހަކައިގައި، މަޖިލިސް ތަޅުމުގައި އަތްފައި ބުރިކުރާ ވާހަކަ ނުދެއްކުމަށް އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން،" މެންބަރަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.













