ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ "ގާތްވުމަށް" ސިހުރު ހެދިކަމުގެ ތުހުމަތުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފި އެވެ.
'އަދަދު' ނޫހަށް މިކަން ކަށަވަރުކޮށްދިން ސަރުކާރުގެ އޮފިޝަލު ވިދާޅުވި ގޮތުގައި އޭނާ ހައްޔަރު ކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ހާޒިރުކުރީ ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށެވެ.
ޝަމްނާޒްއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ.
ޝަމްނާޒް ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅެމުންދިޔަ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި ފުލުހުން އެ ގެއިން ބައެއް ސާމާނު ވެސް ގެންގޮސްފައިވާކަމަށް 'އަދަދު' ނޫހަށް ކަށަވަރުވެފައި ވެ އެވެ.
ޝަމްނާޒް ކުރިން މަސައްކަތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރު މުލީއާގޭގަ އެވެ. ނަމަވެސް މިފަހުން އޭނާ ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ.

ރައީސް މުއިއްޒުއާ ގާތްވުމަށް ސިހުރުު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރު ކުރިއިރު، އޭނާގެ ކުރީގެ ފިރިކަލުން އާދަމް ރަމީޒު "އެކަހެރި" ކޮށްފައިވާކަމުގެ އަޑުތައް ވަނީ ގިނަވެފަ އެވެ.
ރައީސް މުއިއްޒުއާ ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި އާދަމް ރަމީޒް، ރައީސްއާ އެއްކޮށް ނުފެންނަތާ މަސްތަކެއްވެއްޖެ އެވެ.
ޝަމްނާޒް ހައްޔަރު ކުރިއިރު، އޭނާގެ ތިން ކުދިން ތިބެ އެވެ. އޭގެ ތެރޭގައި އުމުރުން ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކު ވެސް ހިމެނެ އެވެ.
titledesc













