އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރަށް ދައުލަތުގެ ބަޖެޓުން 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާ ކުރެއްވުމަށް މި މަހު ނުވައެއްގައި ބޭއްވި ރަސްމިއްޔާތަށް ވަޑައިގަންނަވަން ރައީސް ކުރެއްވި ދަތުރުގެ ތަފުސީލު ރައީސް އޮފީހުން އާންމުކުރީ މިއަދެވެ. އެކަމަކު މީގެ ކުރިން އެކި ހަރަދުތަކަށް ވަކިން ހަރަދުވި މިންވަރު އާންމުކުރި ނަމަވެސް މިފަހަރު އާންމުކުރީ ޖުމްލަ އަދަދު އެކަންޏެވެ.
އެގޮތުން ރައީސްއާ އެކު ރަސްމީ ވަފުދާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި 20 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި ކަމަށާއި ދަތުރުގެ ޖުމްލަ ހަރަދަށް 1،440،170.33ރ. ދައުލަތުން ހަރަދުވި ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ. އެއީ ބޮލަކަށް 72،000ރ. އެވެ.
ރަސްމީ ދަތުރުތަކުގައި ފަސްޓް ކުލާސް ހިޔާރު ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް މި ދަތުރުގައި އެމަނިކުފާނު އަދި ސަރުކާރުގެ ވަފުދުން ދަތުރުކުރި އެއާލައިނެއް އަދި ކުލާހެއް ހާމައެއް ނުކުރެ އެވެ.
ރައީސް އޮފީހުން އިތުރަށް ބުނެފައިވަނީ މި ދަތުރަށް އިންޑިއާގެ ސަރުކާރުގެ ދައުވަތު ލިބިފައިވަނީ ވަގުތު ކުޑަތަން ވެފައިވަނިކޮށް ކަމުން ސަރުކާރުގެ ވަފުދުން އިންޑިއާއަށް ގޮސްފައިވަނީ ލަންކާ އަދި ދުބާއީ މަގުން ކަމަށެވެ. އެ ގައުމުތަކުގައި ޓްރާންސިޓުގައި ގިނަ ވަގުތުތަކެއް ހޭދަވި ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

ހަރަދުތަކުގެ ތަފުސީލު ދިން ކަރުދާހުގައި ރައީސް އޮފީހުން ވަނީ ރައީސްގެ މި ދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު، ރައީސް އަދި އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ އެކު އެމަނިކުފާނު ބައްދަލުކުރެއްވި ކަން ފާހަގަކޮށް، ދެ ގައުމުގެ ދެމެދުގައި އަބަދުވެސް އޮންނަ ގާތް ގުޅުން ބަދަހިކުރަން މަޝްވަރާ ކުރެވުން އެއީ ދަތުރުގެ ކާމިޔާބީ ގޮތުގައި ފާހަގަކޮށްފަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވި އެވެ. ރައީސް ވެރިކަމަށް ވަޑައިގެންނެވީ ވެސް ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ގައުމުން ބާލާނެ ކަމުގެ ވައުދާއެކު އެވެ.
ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު ކުރިން ގެންގުޅުއްވި ހަރުކަށި ބަސްމަގު ދޫކޮށް، ސަރުކާރުން މިހާރު އަންނަނީ އިންޑިއާއާ ގޯސްވެފައިވާ ގުޅުން ރަނގަޅު ކުރަން މަސައްކަތް ކުރަމުންނެވެ.
އެގޮތުން ސިފައިންގެ ބަދަލުގައި މަދަނީން ދުއްވާ ގޮތަށް ހެލިކޮޕްޓަރާއި ޑޯނިއާ ބާއްވަން އެއްބަސްވެ، އިންޑިއާއިން ދަރަންޏަށް ނަގާފައިވާ ފައިސާ އަނބުރާ ދައްކަން ލުއި ގޮތްތަކެއް ހޯދޭތޯ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާރު ސަރުކާރުން ބުނަނީ އިންޑިއާއަކީ ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމަށާއި މަސައްކަތް ކުރަން ބޭނުންވަނީ ގުޅިގެން ކަމަށެވެ.












