"ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ މި ހަތް މަސް ތެރޭގައި އަޅުގަނޑުމެން މިއައީ ދައްކާފައި. އެއީ އަޅުގަނޑުމެންނާ ދެކޮޅު ބޭފުޅުން, ވާދަވެރި ބޭފުޅުން ފޮރުވަން ބޭނުންވާ ހަގީގަތް. އަޅުގަނޑުމެން ދައްކާނީ ތެެދު ބަހުން ވާހަކަ."
މިއީ ރޭ ސަރުކާރުގެ ހިންގާ ޕާޓީ, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުރުވެރިކަމާ އެކު ދެއްކެވި ވާހަކަ އެވެ. ބޭރުގެ ދަރަންޏާއި, އެތެރޭގެ ދަރަންޏާއި, ސޮވްރިންް ޑިވެލޮޕްމަންޓު ފަންޑުގެ ވާހަކައަކީ ރައީސްގެ ވާހަކައިގެ އެންމެ މުހިންމު އުސްއަލިތަކެވެ.
އެމަނިކުފާނު މިހެން ވިދާޅުވުމުން ވެސް އެންމެ ބޮޑު ސުވާލެއް އުފެދުނީ 18 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުން ހޭދަކުރިއިރު އޭގެ 72 ޕަސެންޓު ދަރަނި ދެއްކުމަށް ހޭދަކުރުމަށް ފަހު ބާކީ އޮތް ފަސް ބިލިއަނުން ދައުލަތުގެ ހަރަދުތައް ހަމަޖައްސާނެ ގޮތަކާ މެދު އެވެ.
"ބާކީ އޮތް 13 ބިިލިއަން ރުފިޔާ އެއީ ހުސް ކުރީ ސަރުކާރުގެ "ދަރަނި" ތޯ؟ މި ސަރުކާރުން އޮފީސް ވެސް ނުހުޅުވަނީތޯ ޑްރޯންވެސް ނުގަންނަނީތޯ؟ ރައީސް އާއި ކެބިނެޓް ވަޒީރުން ދަތުރުވެސް ނުކުރައްވަނީތޯ؟," އެކަމާ ގުޅިގެން ސުވާލު އުފައްދަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވިދާޅުވި އެވެ.
ބާކީ ފަސް ބިލިއަން ރުފިޔާއިން މުވައްޒަފުންނަށް މުސާރަ ވެސް ނުދެވޭނެ އެވެ. ގިނަ އަދަދެއްގެ ސިޔާސީ މަގާމުތަކެއް އުފައްދާފައިވާއިރު މުވައްޒަފުންގެ މުސާރައަށް އެކަނި 5.5 ބިލިއަން ރުފިޔާ ހޭދަވި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރާ ދައުލަތުގެ މާލީ ހިސާބުކިތާބުން އެނގެ އެވެ.

"މި އަހަރުގެ މިހާތަނަށް އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ހަރަދަށް އެކަނިވެސް 200 މިލިއަން އިތުރަށް ހަރަދު ކޮށްފި. މުސާރަ އާއި ދަައުލަތުގެ ހިންގުމުގެ ޚަރަދަށް އެކަނި 600 މިލިއަން ރުފިޔާ އިތުރުވެއްޖެ. 700 ގައި ހުރި ސިޔާސީ މަގާމުތައް މިހާރު ހުރީ 2000 އަށް ވުރެ މަތީގައި," އަމީރު ވިދާޅުވެފައިވެ އެވެ.
ފިސްކަލް ރިޕޯޓްތަކުން ފެންނަ ގޮތުގައި މުވައްޒަފުންނަށް ކުރާ ހަރަދު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. މުވައްޒަފުންނަށް ހިނގާ ހަރަދު މި އަހަރު ވަނީ 11 ޕަސެންޓުން އިތުރުވެފަ އެވެ. ރިކަރަންޓް ހަރަދުވެސް ވޭތުވެދިޔަ އަހަރަށްވުރެ 617 މިލިއަނުން ވަނީ އިތުރުވެފަ އެވެ.
ބަޖެޓުގައި ރާވައިފައިވާ ހުރިހާ އިސްލާހީ ފިޔަވަޅުތައް ލަސްވެފައި ވާއިރު، ސަރުކާރުން ވަނީ ބަޖެޓް ނުހިމެނޭ ބައެއް މަސައްކަތްތައް ފަށާފަ އެވެ. އޭގެ ސަބަބުން ދައުލަތުގެ ބަޖެޓާއި ކޭޝްފްލޯގެ ހާލަތު އިތުރަށް ވަނީ ގޯސްވެފަ އެވެ.
އޭގެ ތެރޭގައި ސިޔާސީ ވަޒީފާ އިތުރުކުރުމާއި، އެއާ އެމްބިއުލާންސްގެ ހިދުމަތް ފަދަ އާ ހިދުމަތްތައް ތައާރަފު ކުރުމާއި، ޑްރޯން ގަތުމާއި، ސްކޫލް އޭސީ ޕްރޮޖެކްޓާއި، ބަޖެޓަށް ބެލުމެއް ނެތި ހުރިހާ ފަރާތްތަކަށް ސްޓޫޑެންޓް ލޯނު ދިނުމާއި، ގައުމިއްޔަތުގެ މަޝްރޫއު އާއި، އެކި ޖަމިއްޔާ ޖަމާއަތްތަކަށާއި މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެ އެވެ.
ދަރަންޏަށް 13 ބިލިއަން ދައްކައި މުސާރައަށް ފަސް ބިލިއަން ހޭދަކުރާ ދައުލަތަކުން އަހަރުގެ ފުރަތަމަ ހަ މަހުގެ ބިލިއަނުގެ ބަޖެޓުން ކުރެވޭނެ އިތުރު ހަރަދެއް ނެތެވެ. ސަރުކާރުން ހަރަދުތައް ކުޑަކުރި ކަމަށް ބުނި ނަމަވެސް ރަސްމީ މާލީ ހިސާބުކިތާބުތަކުން ފެންނަނީ އެހެން މަންޒަރެކެވެ. ހަރަދުތައް ކުޑަވީ ހަމައެކަނި ޕްރޮޖެކްޓުތައް މަޑުޖައްސައިލުމުންނެވެ.
އެސްޑީއެފްއާ މެދު ވެސް ރައީސް ދެއްކެވީ ދޮގު ވާހަކައެއް
"މިދިޔަ ސަރުކާރު ނިމުނު އިރުގައި ސޮވްރިން ޑިވެލޮޕްމަންޓު ފަންޑް (އެސްޑީއެފް) ގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު. އެއީ ބޭރުގެ ދަރަނި ދެއްކުމުގެ ރިޒާވު. އެ ފަންޑުގައި ހުރި ފައިސާކޮޅު ވެސް މިދިޔަ ސަރުކާރުން ބޭނުންކޮށްލީ."
މިއީ ރާއްޖޭގެ އެސްޑީއެފްއާ ގުޅޭގޮތުން ރައީސް ރޭ ވިދާޅުވި ވާހަކަ އެވެ. ދެ މިލިއަން ޑޮލަރުން 54 މިލިއަން ޑޮލަރު އެ ފަންޑުގައި ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ފަންޑު ބަލަހައްޓަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ.
އެސްޑީއެފްއަކީ ދައުލަތުގެ ދަރަނި ދައްކަން 2017 ގައި އުފެއްދި ފަންޑެކެވެ. އެ ފަންޑުގައި ހުންނަ ގިނަ ފައިސާ ހުންނަނީ އިންވެސްޓުކޮށްފަ އެވެ. އޭގެ އަހަރެއް ފަހުން ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަން ނިމިގެންދިޔައިރު އެ ފަންޑުގައި ހުރީ 1.9 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން އެސްޑީއެފް އެކައުންޓަކީ ޕަބްލިކް ބޭންކް އެކައުންޓާ ވަކިން އެމްްއެމްއޭއިން ބަލަހައްޓާ އެކައުންޓެކެވެ.
"ނޮވެމްބަރު 2023 ނިމުނުއިރު ފަންޑް ސައިޒަކީ ގާތްގަނޑަކަށް 7.3 ބިލިއަން ރުފިޔާ. އެއީ 5 އަހަރު ތެރޭަގައި 5.4 ބިލިއަން ރުިފޔާގެ އިތުރުވުމެއް," ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވާ ގޮތުން ނަމަ އެއީ އެމްއެމްއޭގެ އެސްޑީއެފް ޑޮލަރު އެކައުންޓުގައި ހުރި ދެ މިލިއަން ޑޮލަރާއި އިންވެސްޓުކޮށްފައި ހުރި 139 މިލިއަން ޑޮލަރެވެ.
މީގެ ކުރިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ފިނޭންސްގައި އެދިގެން "އަދަދު" އިން ހޯދި މައުލޫމާތުގައިވާ ގޮތުގައި މިދިޔަ އޮގަސްޓުގެ ނިޔަލަށް އެސްޑީއެފްގައި ހުރީ 7.3 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ފައިސާއިން ޖަމާކޮށްފައިވާ 2.6 ބިލިއަން ރުފިޔާ އާއި ބޭރު ފައިސާއިން ޖަމާކުރި 299 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) އެވެ.
"ޑޮލަރުން އެސްޑީއެފްއަށް ފައިސާ ޖަމާކުރަން ފެށީ މިސަރުކާރުންނޭ ކިޔާފަ ވާހަކަ ދައްކަނީވެސް އޮޅުވާލައިގެން. 2020 ވަނަ އަހަރު ޑޮލަރުން އެސްޑީއެފްއަށް ޖަމާކުރުން ހުއްޓާލެވުނު. އެއީ އެމްއެމްއޭ އާއެކު ހެދުނު އެޖެންސީ އެގްރިމެންޓެއްގެ ދަށުން. ނަމަވެސް އަނެއްކާވެސް 2023 ވަނަ ކުރީ ކޮޅު ޑޮލަރުން އެސްޑީއެފް އަށް ފައިސާ ޖަމާކުރަން ފެށުނު," އަމީރު ވިދާޅުވެފައިވެ އެވެ.
ފަންޑަށް ޖަމާކުރި ފައިސާގެ ތެރެއިން ބޮޑު ބަޔެއް ހުރީ ދައުލަތުގެ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުގެ ޓީ-ބިލުތަކަށް އިންވެސްޓުކޮށްފަ އެވެ. އިންވެސްޓު ކުރި ފައިސާގެ ބާކީ ހުރީ ދިވެހި ރުފިޔާ އަދި ޑޮލަރުގެ ފިކްސްޑް ޑިޕޮސިޓު އެކައުންޓުތަކުގަ އެވެ.
އެސްޑީއެފްގައި ހުރި ޑޮލަރުކޮޅު މާރުކޮށްލި ކަމަށް ބުނެ ރައީސް މުއިއްޒު ދައްކަވާ ވާހަކައިގެ ހަގީގަތެއް ނެތްކަން މާލީ ހިސާބުތަކުން ހާމަވެ އެވެ.
އެސްޑީއެފްއަށް މިއަހަރުގެ ތެރޭގައި ޖަމާކުރި ކަމަށް ދައްކަނީ 519 މިލިއަން ރުފިޔާ ނުވަތަ ގާތްގަނޑަކަށް 33 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެމްޑީޕީގެ ސަރުކާރުން އެ ފަންޑަށް 479 މިލިއަން ރުފިޔާ ޖަމާކުރި އެވެ.












