ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް ގޮވައިލާ އައްޑޫގައި މުޒާހަރާ ކުރަމުން ދާތާ ތިން ދުވަސްވީއިރު ވެސް އެކަމަށް އިޖާބަ ނުދީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި ސިފައިން ބޭނުން ކޮށްގެން އެ މުޒާހަރާއަށް އެކި ގޮތްގޮތުން ހުރަސް އަޅައި މަސްވެރިންގެ ހައްގުތައް ނިގުޅައި ގަތުމަށް ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު، އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ކުރަމުންދާ މުޒާހަރާއާ ގުޅިގެން މިހައިތަނަށް ސަރުކާރުން އެކަށީގެންވާ އެއްވެސް ޖަވާބެއް ދީފައި ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރަން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ މަސްވެރިން މުޒާހަރާ ކުރަމުން ދަނީ އެމީހުންގެ އަމިއްލަ ހައްގު ހޯދަން ކަމަށާއި އެ މުޒާހަރާއަށް ފުލުހުން ފޮނުވައިގެން ހުރަސް އެޅުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.
"އައްޑޫގައި ހުކުރު ދުވަހުގެ މެންދުރު ފަހު ގަޑިއެއްގައި މި ފެށުނު މުޒާހަރާގެ ކަންތައް އަދި މިއަދާ ހިސާބަށް، މިވަގުތާ ހިސާބަށް ސަރުކާރުން އެއްވެސް ކަހަލަ އިޖާބައެއް ނުދޭ އެގެ ބަދަލުގައި ސަރުކާރުން ކަންތައް ކުރަނީ ސިފައިންނާއި ފުލުހުން މެދުވެރިކޮށް މި މަސްވެރިންނަށް ލިބެންވާ ހައްގު ނިގުޅައި ގަތުމަށް މަސައްކަތް ކުރާ ތަން މިހާރު ފެންނަމުން މިދަނީ،" ނާޒިލް ވިދާޅުވި އެވެ.
"ފުލުހުން އެތަނަށް ފޮނުވައި ސިފައިން އެތަނަށް ފޮނުވައި މަސްވެރިން އެތަނުން ފޮނުވައިލުމުގެ މަސައްކަތް ކުރަމުން ސަރުކާރުން އެދަނީ، އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ އެގޮތަށް ރޭވިގެން އެކަން ކުރާ ކަމަށް،"
އޭނާ ވިދާޅުވީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވަޒީރޭ ގޮވައިލާއިރަށް ވަޒީރު ހުންނަނީ އެތަނެއްގައި ކަމަށާއި ކެމްޕޭނު ތެރޭގައި އެމްޑީއެއް ނުވަތަ މިނިސްޓަރެެއް ނުލައި އައްޑޫއަށް ދަތުރެއް ވެސް ނުކުރާ ކަމަށެވެ.

345 އެއްހައި މަސްވެރިން އައްޑޫގައި މިވަގުތު ވެސް އެބަތިބި ކަމަށާއި އެމީހުން ދިރިއުޅެމުން ދަނީ ވަރަށް ދަތި ހާލުގައި ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
މަސްވެރިނަށް ބާނާ މަހަށް ފައިސާ ނުލިބުމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް މަޖިލީހުގެ ތެރެއިން ކުރެވެން ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
"މާދަމާ މަޖިލިސް ފެށޭއިރު، އަޅުގަނޑުމެން މަޖިލިސް ތެރެއިން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން، މަސްވެރިންގެ ހައްގުގައި، އެއީ އެކަނި އައްޑޫ އަތޯލުގެ މަސްވެރިންނެއް ނޫން، ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއާއި ދެކުނުގެ ހުރިހާ މަސްވެރިންގެ ހައްގުގައި އަޅުގަނޑުމެން ކުރާ މަސައްކަތެއް މިއީ،" ނާޒިލް ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާއާ ގުޅޭގޮތުން ސަރުކާރުން ވާހަކަދައްކަމުން ދަނީ އެކި ފަހަރު އެކި ގޮތަށް ކަމަށެވެ.
އެގޮތުން އެ މައުލޫގައި ފުރަތަމަ ސަރުކާރުން ބުނީ މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޭނެ ކަމަށް ނަމަވެސް ފަހުން އެ ވާހަކަ ބަދަލުވެގެން ގޮސް މަސްވެރިންނަށް ފައިސާ ދެވޭނީ މާލީ ހާލަތު ރަނގަޅު ވެގެން ކަމަށް ސަރުކާރުން ބުނިކަން އޭނާ ފާހަގަކުރެެއްވި އެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ސަރުކާރުން ނުދޭ މައްސަލައިގައި ކަންބޮޑު ވަނީ ހަމައެކަނި އައްޑޫގެ މަސްވެރިން ނޫން ކަމަށް ވެސް މައުރޫފް ވިދާޅުވީ އެވެ.
"އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ ތަފާތު އެކި ބާވަތްތަކުގެ މަސްވެރިންގެ ކަންބޮޑުވުންތައް ރާއްޖޭގެ އެތަންމިތަނުގައި އެބަހުރި ކަމަށް، އަދި އައްޑޫގެ އިތުރުން ދެކުނު އެހެން ރަށްރަށުގައި ވެސް މިކަމުގެ ކަންބޮޑުވުން އެބަހުރިކަން، އަދި އެހެން ރަށްރަށުގައި ވެސް އައްޑޫގެ މަސްވެރިންނާ އެކީގައި އިހުތިޖާޖު ކުރުމަށް ތައްޔާރުވަމުންދާ ވާހަކައާއި ހަބަރުތައް އަޅުގަނޑުމެންނަށް އެބަ ލިބޭ،" މައުރޫފް ވިދާޅުވި އެވެ.
"މިހެން ގޮސް ރާއްޖޭގެ ހުރިހާ މަސްވެރިން ނުކުމެ މުޒާހަރާ ކުރުމަކީ އެއީ ވަރަށް ދެރަކަމެއް، އެހެންވީމާ އެކަންކަމަށް ސަރުކާރުން ރަނގަޅު ހައްލެއް ހޯދަން ޖެހޭ ކަމެއް،"
މަސްވެރިންނަށް ނުދީ ހުރި ފައިސާ ހޯދަން އާދޭސްކޮށް ތިން ދުވަސް ވަންދެން މުޒާހަރާ ކުރަމުންދާއިރު އެކަމަށް އެއްވެސް ވަރަކަށް އަޅައި ނުލުމަކީ ސަރުކާރުގެ ނާގާބިލުކަން ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ސަރުކާރުން ސިޔާސީ މުވައްޒަފުން އިންތިހާއަށް އިތުރު ކުރަމުންދާ ދިޔުމާ ގުޅިގެން ވެސް މައުރޫފު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އައްޑޫގައި މުޒާހަރާ ކުރަމުންދާ މަސްވެރިންނާ ބައްދަލުކުރުމަށް އެ ތަނަށް ފިޝަރީޒް މިނިސްޓަރު ވަޑައިގަތުމަށް ވެސް މައުރޫފު ގޮވައިލެއްވި އެވެ. އަދި މަސްވެރިންނަށް ދިމާވެފައިވާ މައްސަލަ ހައްލު ކޮށްދޭން މަސައްކަތް ކުރުމަށް އޭނާ ގޮވައިލެއްވި އެވެ.












