މިއަދު ފާހަގަކުރަމުންދާ ބޮޑު އީދުގެ ތަހުނިޔާ އާއި މުބާރިކުބާދީ މެސެޖެއް މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮނުއްވައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ހާމަކުރި ގޮތުގައި ރައީސްއަށް ފޮނުއްވި މެސެޖުގައި މޯދީ ވަނީ ސަރުކާރަށާއި ރާއްޖޭގެ ރައްޔިތުންނަށް މިއަދުގެ ހެޔޮއެދުންތައް އަރިސް ކުރައްވާފަ އެވެ.
"ބޮޑުވަޒީރު މޯދީގެ މެސެޖުގައި، މިއަދު މި ފާހަގަކުރާ އުފާވެރި އީދު ދުވަހުން ހަނދާނަށް ގެނެސްދެނީ އަޅުގަނޑުމެން އެންމެން އުންމީދުކުރާ ސުލްހަވެރި އަދި އެންމެހާ ފަރާތްތަކެއް ހިމެނޭ ދުނިޔެއެއް ބިނާކުރުމުގައި ބޭނުންތެރި، އެކުވެރިކަމާއި އެއްބައިވަން ކަމެވެ،" އިންޑިއާގެ ހައި ކޮމިޝަނުން އާންމުކުރި މެސެޖުގައި މޯދީ ވިދާޅުވި ކަމަށް ލިޔެފައިވެ އެވެ.
އޭގެ އިތުރުން، އިންޑިއާގައި އޮތް ތަފާތު ސަަގާފަތްތަކުގެ ސަބަބުން އެ ގައުމުގައި ވެސް މި ދުވަސް ކުަލަގަދަ ގޮތެއްގައި ފާހަގަކުރާ ކަމަށް މޯދީ ވިދާޅުވެފައިވެ އެވެ.
މިހާތަނަށް ފުރަމާނަ ދަތުރެއްގައި ރަސްމީކޮށް ރައީސް އިންޑިއާއަށް ވަޑައިނުގެންނެވި ނަމަވެސް ތިންވަނަ ދައުރަކަށް މޯދީ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދިއްލީއަށް ރައީސް ވަޑައިގެންނެވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ފުރަތަމަ ގޯސްވި އެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ވެސް ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ގައުމުން ބާލާނެ ކަމުގެ ވައުދާއެކު އެވެ.
އިންޑިއާގެ ބަދަލުގައި ރައީސް މުއިއްޒު މީގެ ކުރިން ގެންދެވީ ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަވަމުންނެވެ. އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރު ވެސް ކުރެއްވީ ޗައިނާއަށެވެ. އެ ދަތުރަށްފަހ އިންޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެސް ދެއްވި އެވެ.
ނަމަވެސް އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރަށް ފަހު އެނބުރި ވަޑައިގެން ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުމުގެ "އެކުވެރި ގާތް ގުޅުމުގެ" ތެރެއިން ކަންކަން ކުރާނީ ދިވެހި ރައްޔިތުންނަށް އެންމެ ހެވާ ލާބަ ލިބޭ ގޮތްތައް ބަަލައިގެން ކަމަށެވެ. ދަތުރުގައި ބޭއްވި މަޝްވަރާތަކުގެ ތެރެއިން ކަންކަން ފަހިވެގެންދާނެކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.












