އިންޓަނޭޝަނަލް ކޮންފަރެންސް އިން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސްގެ ހަތަރުވަނަ މަހާސިންތާ (ސިޑްސް-4) ގައި ބައިވެރިވެވަޑައިގަތުމަށް 15 ބޭފުޅުންގެ ވަފުދަކާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅަށް ހަރަދުވީ ޖުމުލަ 3.8 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އެންޓީގާ އެންޑް ބާބިޔުޑާގައި މިދިޔަ މަހުގެ 24 އިން 31 އަށް އޮތް އެ މަހާސިންތާއަކީ ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވާ މަހާސިންތާ އެކެވެ. އެ މަހާސިންތާއަކީ ތަރައްގީވަމުން އަންނަ ކުދި ގައުމުތައް ބައިވެރިވާ މަހާސިންތާ އެކެވެ.
ރައީސް މުއިއްޒުއަކީ ކުރީގެ ރައީސް މައުމޫންއަށް ފަހު އެ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ފުރަތަމަ ރައީސް އެވެ.
ސިޑްސް-4 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކަށް ބަލާއިރު އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ ޓިކެޓަށެވެ. މަހާސިންތާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި 16 ބޭފުޅުންގެ ޓިކެޓަށް 2،644،485.88ރ. (ދެ މިލިއަން ހަލައްކަ ސާޅީސް ހަތަރުހާސް ހަތަރުސަތޭކަ އަށްޑިހަ ފަސް ރުފިޔާ އަށްޑިހަ އަށް ލާރި) ހަރަދުވެފައިވެ އެވެ.
ރައީސް މުއިއްޒު ދަތުރުކުރެއްވީ ފަސްޓު ކްލާހުގައި ކަމެއް ނުވަތަ ނޫންކަމެއް މިއަދު ރައީސް އޮފީހުން އާންމު ކުރި މައުލޫމާތުން ސާފެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދަށް ތަކުރާރުކޮށް ގުޅުމުން ވެސް ޖަވާބު ނުދެއްވި އެވެ.

ދަތުރުގެ އެހެނިހެން ހަރަދުގެ ތަފުސީލަށް ބަލާއިރު
- ޓްރާންސްޕޯޓު ހަރަދަށް 271،956.52ރ. (ދެލައްކަ ހަތްދިހަ އެއްހާސް ނުވަސަތޭކަ ފަންސާސް ހަ ރުފިޔާ ފަންސާސް ދެ ލާރި)
- އެކޮމޮޑޭޝަން ހަރަދަށް 618،043.67ރ. (ހަލައްކަ އަށާރަހާސް ސާޅީސް ތިން ރުފިޔާ ފަސްދޮޅަސް ހަތް ލާރި)
- ޕޮކެޓު މަނީގެ ގޮތުގައި 16 މީހުންނަށް، ބޮލަކަށް 8832ރ.
- ކެއުންބުއިމުގެ ހަރަދަށް 164،014.17ރ. (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ސާދަ ރުފިޔާ ސަތާރަ ލާރި)
- ސްޓޮޕް އޯވާތަކަށް (ދަތުރުގެ ތެރެއިން މަޑު ކުރި ތަންތަން) 18،468ރ. (އަށާރަހާސް ހަތަރުސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ)
- އިންސިޑެންޓަލް ހަރަދަށް 6134.70 (ހަހާސް އެއްސަތޭކަ ތިރީސް ހަތަރު ރުފިޔާ ހަތްދިހަ ލާރި)
އިރުމަތީ ކެރީބިއަންގައި އޮންނަ ބާބިޔުޑާއަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުގައި ކޮންމެ ކޮޅަކަށް 36 ގަޑިއިރު ހޭދަ ކުރައްވަން ޖެހިވަޑައިގެން ކަމަށް ރައީސް އޮފީހުން އާންމު ކުރި މައުލޫމާތުގައި ބުނެފައިވެ އެވެ.
އެ ދަތުރުފުޅުގެ ތެރެއިން ސިޑްސްގައި ހިމެނޭ ހަތަރު ގައުމެއްގެ ވެރިންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވައި އެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމާމެދު މަޝްވަރާ ކުރެއްވި އެވެ.
އޭގެއިތުރުން އދ. ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓްރެސްއާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ރައިޓް އޮނަރަބަލް ޕެޓްރީޝިއާ ސްކޮޓްލޭންޑް ކޭސީއާ އެމަނިކުފާނު ސިޑްސް4 ގެ ހަވާސާގައި ބައްދަލު ކުރެއްވި އެވެ.













