ސަސްޕެންޝަނުގައި ތިބި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ، މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ލައްވައި ފާއިތުވި ފަސް މަސް ދުވަހު ރަސްމީ އެއްވެސް މަސައްކަތެއް ނުކުރުވައި މުސާރައިގެ ގޮތުގައި 400،000ރ. އަށްވުރެ ގިނައިން ދައުލަތުން ދީފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލްމީޑިއާގައި ފުރައްސާރަކުރި މައްސަލައިގައި އެ ތިން ނައިބު މިނިސްޓަރުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރީ މި އަހަރުގެ ޖެނުއަރީ 7، ގަ އެވެ. އަދި ނައިބުންތައް ސަސްޕެންޑުކުރީ މައްސަލަ އިތުރަށް ބަލަން ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު، އިބްރާހިމް ހަލީލް އޭރު ވިދާޅުވެފައިވެ އެވެ.
އެހެން ނަމަވެސް އެ ތިން ބޭފުޅުން ސަސްޕެންޑު ކުރި ފަހުން މި މައްސަލައިގެ އަޕްޑޭޓެއް ސަރުކާރުން ނުދެ އެވެ. ނޫސްވެރިން ސުވާލުކުރުމުން ރައީސް އޮފީހުން ދޭ ޖަވާބަކީ އެ މައްސަލަ "ބަލަމުންދާ" ކަމަށެވެ.
އެ މައްސަލައަށް ކުރި އެރުން ލިބިފައި ވަނީ ކިހައި މިންވަރަކަށްތޯ ބެލުމަށް ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދަށް ގުޅައި މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ. އޭނާގެ ފޯނަށް ގުޅުމުން އެދިވަޑައިގެންނެވީ މެސެޖު ކުރުމަށެވެ.
އިއްޔެ މެންދުރުފަހު 1:00 ގައި ކުރި މެސެޖަށް 45 މިނެޓު ވީއިރު ވެސް ރިޕްލައިއެއް ނުކުރައްވާތީ ޖަވާބެއް ނެތީތޯ ސުވާލު ކުރުމުން ވިދާޅުވީ "ހޯދަންޖެހޭ މައުލޫމާތު ހޯދާފައި ޖަވާބު ދޭނަން އިނގޭތޯ،" ކަމަށެވެ. ނަމަވެސް އިއްޔެގެ އިރުއޮއްސި، މިއަދު ހަބަރު ޝާއިއުކުރުމާ ހަމައަށް ވެސް ހީނާ އެ ވިދާޅުވާ މައުލޫމާތެއް ހިއްސާނުކުރައްވަ އެވެ.

ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ކޮންމެ މަހަކު 31,500ރ. ގެ މުސާރައެއް ލިބެ އެވެ.
އެ އަދަދުން ބަލާނަމަ، ފާއިތުވި ފަސް މަސްދުވަހު އެ ތިން ބޭފުޅުންނަށް މުސާރައިގެ ގޮތުގައި 472،500ރ. ހަރަދުވެފައި ވާނެ އެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް މިހައިތަނަށް ހާމަ ނުކުރާތީ އެ ތިން ބޭފުޅުންނަށް މުސާރަ ދޭން ސީދާ ހަރަދު ކުރި ވަރެއް ސާފެއް ނުވެ އެވެ.
އެ ތިން ބޭފުޅުންގެ ތެރެއިން ޝިއުނާ އާއި މަލްޝާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވަރަށް ގާތް، އަދި ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލުގެ މީޑީއާގައި މަސައްކަތް ކުރެއްވި ދެ ކަނބަލުންނެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ބުރޫ އަރައި ހުޅުގަނޑު ފަޅައިގެން ދިޔައީ އެ ތިން ބޭފުޅުން އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގެ ސަބަބުންނެވެ. މި މައްސަލައިގައި އިންޑިއާގެ މަޝްހޫރު ފިލްމީތަރިންނާއި އިންޑިއާގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން ރާއްޖެއާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ވެސް ކުރި އެވެ.
އެ ކަންތައްތަކާ ގުޅިގެން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމުގެ އިންޑަސްޓްރީން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. އޭގެ ތެރޭގައި ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ ވެސް ހިމެނެ އެވެ. މޯދީއަށް މަލާމާތް ކުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ކުށްވެރިކުރި އެވެ.
ނަމަވެސް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫ އެރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ފާހަގަކޮށްލެވޭ ވަރުގެ ހީނަރުކަމެއް އައިސްފައިވެ އެވެ.
ވެރިކަމުގެ ކުރީކޮޅު އިންޑިއާއާއި ރާއްޖެއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގައި ލީ ރެނދު ބެއްދުމަށްޓަކައި ދިވެހި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ތިންވަނަ ދައުރަކަށް އިންޑިއާ ބޮޑުވަޒީރު ކަމުގެ ހުވާ މޯދީ ކުރެއްވި ރަސްމިއްޔާތަށް ވަޑައިގެން ވަނީ އިންޑިއާގެ ރައީސް އާއި އެ ގައުމުގެ ހާރިޖީ ވަޒީރާ ބައްދަލު ކުރައްވައިފަ އެވެ.
ނަމަވެސް އެ ބައްދަލުވުންތަކުގެ ތަފުސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ސަރުކާރުން ބުނީ އެ ބައްދަލުވުންތަކުގައި ދެ ގައުމުގެ ގުޅުން ކުރިއަށްވުރެ ވަރުގަދަ ކުރަން މަޝްވަރާ ކުރެވުނު ކަމަށެވެ.














