ގއ. ގެމަނަފުށީގައި ފެނުގެ ހިދުމަތް ފޯރުކޮށްދޭ މިންވަރު ފެނަކަ ކޯޕަރޭޝަނުން ލިމިޓްކޮށްފި އެވެ.
ފެނަކައިގެ ގެމަނަފުށީ ބްރާންޗުން ނެރުނު އިއުލާނެއްގައި ބުނީ ފެނުގެ ނިޒާމު ގާއިމުކޮށް، ފެނުގެ ހިދުމަތް ފޯރުކޮށްދޭ ރަށްތަކުގެ ތެރެއިން ބިލުކުރަން ނުފަށާ ރަށްތަކުގެ ގެތަކަށް ފެން ދޫކުރުން ލިމިޓްކޮށްފައިވާ ކަމަށެވެ.
ބިލުކުރަން ނުފަށާ ރަށްތަކުގައި ފެން ބޭނުންކުރާ މިންވަރު އިތުރުވެ، މެދުކެނޑުމެއް ނެތި ހިދުމަތް ފޯރުކޮށްދޭން ދަތިތައް ދިމާވަމުން އަންނަ ކަމަށް އެ ބްރާންޗުން ވަނީ ބުނެފަ އެވެ.
މިގޮތުން މަހެއްގެ މައްޗަށް ފަސް ޓަނަށް ވުރެ އިތުރަށް ފެން ބޭނުންކުރާ ގެތަކުން އެއް މަސް ދުވަހަށް ފެނުގެ ހިދުމަތް މެދުކަނޑާލެވޭނެ ކަމަށް ވެސް ގެމަނަފުށި ފެނަކަ ބްރާންޗުން ބުނެ އެވެ.
މީގެ އިތުރުން އެ ބްރާންޗުން ބުނީ ގެތަކަށް ދޫކުރާ ފެނުގެ ލިމިޓް ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ އެ ރަށަށް ބިލުކުރަން ފެށެންދެން ކަމަށެވެ.

ފެނަކައިން ރަށްރަށުގައި އަލަށް ފެނުގެ ހިދުމަތް ދޭން ފެށުމަށްފަހު، ދޫކުރަން ފެން ލިމިޓްކުރަން މީގެ ކުރިން އެ ކުންފުނިން ނިންމާފައެއް ނުވެ އެވެ.












