އަންނަ އާދިއްތަ ދުވަހު ފެށޭ މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ގިނަ ހަރަކާތްތަކެއް ރާވައިފި އެވެ.
އެ ކުންފުނިން މިއަދު މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނެފައިވަނީ، މިފަހަރުގެ އީދު ފާހަގަކުރަނީ "މައި ހުޅުމާލެ ޢީދު އުފާ ޕަވާޑް ބައި ދިރާގު" ގެ ނަމުގައި ކަމަށެވެ. އަދި، ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ ހަރަކާތްތަކަކީ ކުރިއަށް ގެންދާނީ ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ގޮތަށް ކަމަށް ވެސް އެޗްޑީސީއިން ބުނެފައިވެ އެވެ.
ހުޅުމާލޭގައި އީދު ހަރަކާތްތައް ފެށުމުގެ ގޮތުން ޖޫން 15، ގެ ރޭ އީދު ވެދުމާދިއުމުގެ ހަރަކާތެއް ވަނީ ރާވާފަ އެވެ. ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކް އަދި ފޭސް ދޭއްގެ ކްރިކެޓްސްޓޭޑިއަމުގަ އެވެ. އީދު ނަމާދަށްފަހު ސިންތެޓިކް ޓްރެކުގައި ދިރާގު އީދު ބޮނޑިބަތް އޮންނާނެ ކަމަށް އެޗްޑީސީއިން މައުލޫމާތު ދީފައިވެ އެވެ.
އީދު ދުވަހު އަދި 17 ވަނަ ދުވަހު ހުޅުމާލޭގައި ރޭވިފައިވާ ހަރަކާތްތައް
- ބޮޑު މަސް ދުއްވުން
- މާލި ޕެރޭޑު
- ކޯޑި ކެޑުން
- ކުޑަކުދިންގެ ހަވީރު
- ހަވާއެރުވުން
- ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދޭ ދިރާގު އީދު ޝޯ
އެޗްޑީސީއިން ބުނި ގޮތުގައި މި އީދު ހަރަކާތްތަކުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިފަރާތަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސް ގެ ފަރާތުން 160 ސީސީ އެއާ ބްލޭޑް ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.













