މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ވެސް ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މީޑިއާ ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވަނީ މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ވެސް ދޭނީ ނޫސްމަޖައްލާ ކެޓެގަރީއާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓެގަރީ ވަކިވަކީން ކަމަށެވެ.
ކުރީ އަހަރުތަކާ ހިލާފަށް މިއަހަރު ޖުމުލަ 18 ދާއިރާއަކުން އިނާމު ދިނުމަށް މީޑިއާ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
މިފަހަރު އަލަށް އިނާމުދޭ ދާއިރާތަކަކީ:
- ތާރީހާއި ސަގާފަތުގެ ދާއިރާ
- މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
- ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
- އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ
- އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމު
- އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
އޭގެއިތުރުން ދެން އިނާމުދޭ ދާއިރާތަކަކީ:

- ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ
- އިޖުތިމާއީ ދާއިރާ
- ސިޔާސީ ދާއިރާ
- ޝަރުއީ އަދި ގާނޫނީ ދާއިރާ
- ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާ
- ކުޅިވަރުގެ ދާއިރާ
- ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
- ވީޑިއޯ ޑޮކިއުމެންޓަރީގެ ދާއިރާ
- ގްރެފިކްސްއާއި އިލެސްޓްރޭޝަންސްގެ ދާއިރާ
- ފީޗާ ރިޕޯޓުގެ ދާއިރާ
- އުއްމީދީ ނޫސްވެރިޔާ
- އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ
އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން 30، ގެ މެންދުރުފަހު 1:00 އެވެ. ނަން ހުށަހަޅަންޖެހެނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ތައްޔާރުކޮށް އާންމުކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށެވެ.
އިއްޔެ ކުރި އިއުލާނާއެކު އިނާމުތަކަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް އާންމު ކޮށްފައިވެ އެވެ. އަދި އެ ކައުންސިލުން މީގެ ކުރިން ވަނީ އިނާމު ދިނުމުން އުސޫލު ގެޒެޓުކޮށްފަ އެވެ.












