ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓު ދޫކުރުމުގެ މަޝްރޫއު ހިންގުމުގައި އިސްކޮށް އުޅުނު ކުރީ ސަރުކާރުގެ ބައެއް ވެރިންގެ ގެދޮރަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަދެ، ބަލައި ފާސް ކުރަން ފަށައިފި އެވެ.
"އޭސީސީއިން ތަހުގީގު ހިންގަމުންދާ ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓު ދިނުމާ ގުޅޭ މައްސަލައިގައި އެ މައްސަލައާ ގުޅުންހުރި ބައެއް ފަރާތްތަކާ ގުޅުންހުރި ބައެއް ތަންތަނަށް ދަނީ، ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރަމުން،" އޭސީސީން މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގެއަށް ވެސް އޭސީސީން ވަނީ ވަދެފަ އެވެ. އަދި އޭނާގެ ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު އޭސީސީން އަތުލާފައިވާ ކަން ވެސް އެނގިފައިވެ އެވެ.
އޭގެ އިތުރުން، ގެދޮރުވެރިޔާ ސްކީމް ހިންގުމުގައި މަސައްކަތް ކުރި ލިރުޣާމް ވަހީދު، މުހައްމަދު އާރިފް އަދި އަހުމަދު ވިސާން ނަސީމްގެ ގެދޮރު ވެސް އޭސީސީން ފާސް ކުރަމުންދާ ކަމަށް އެނގިފައިވެ އެވެ.
ކުރީ ސަރުކާރުން އިއުލާނުކުރި ގެދޮރުވެރިޔާ ލިސްޓުގެ ބޮޑު ޕަސެންޓެއްގެ މީހުން ޝަރުތު ހަމަނުވާ ކަމަށް އޭސީސީއިން އިއުލާނުކުރީ ފެބްރުއަރީ 5، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އޭސީސީއިން ބުނި ގޮތުގައި ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުވާލުމާއެކު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް މިދިޔަ އޯގަސްޓު 8، ގައި ނެރުނު ވަގުތީ ލިސްޓުގައި އޮތީ 15،046 މީހުންނެވެ. ސަރުކާރުން ނިންމާފައި ވަނީ ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓް ދިނުމަށެވެ. ނަމަވެސް ކޮންޓްރެކްޓު ކުރެވި މަސައްކަތް ފަށާފައި ވަނީ 4000 ފްލެޓުގެ އެވެ.
ފުރަތަމަ 4،000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލަން އެންގި އެވެ. އެ ސްކީމަށް ތައްޔާރުކުރި ޕޯޓަލްގެ އެކްސެސް ލިބުމުން، މައްސަލަ ތަހުގީގު ކުރުން ގެންދިޔުމަށް ފަހު، މަސައްކަތް އަލުން ފަށަން ކޮމިޝަނުން ހުއްދަ ދިނީ ފެބްރުއަރީ 1، ގަ އެވެ.












