ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވައްސާ ދެމެދު އޮންނަ ޗެނަލް މިއަންނަ ހޮނިހިރު ދުވަހު ހަތަރު ގަޑިއިރަށް ބަންދު ކުރަން ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ޗެނަލް ބަންދު ކުރަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ.
އެ ވަގުތު އެ ސަރަހައްދަށް މޫދަށް އެރުމާއި ޖެޓް ސްކީ ދުއްވުމުގެ އިތުރުން އެ ސަރަހައްދަށް އެއްވެސް އުޅަނދެއްގައި ވަނުން އެ ކޯޕަރޭޝަނުން ވަނީ މަނާކޮށްފަ އެވެ.
އެޗްޑީސީގެ އިއުލާނުގައި ބުނެފައި ވަނީ ހުޅުމާލެ ޗެނަލް ބަންދު ކުރަނީ އެ ސަރަހައްދުގައި މަސައްކަތެއް ކުރުމަށް ކަމަށް ވާތީ ބަންދު ވަގުތުގައި އެ ސަރަހައްދަށް ވަނުން އާންމުންނަށް މަނާކުރީ އާންމުންނާއި އެ ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.












