ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ރަތްދޫލައިގެ މަރުހަބާއެއް އެ ގައުމުން ކިޔައިފި އެވެ.
މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު އިންޑިއާއަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް އިންޑިއާގެ ވެރިރަށް، ނިއުދިއްލީއަށް އެމަނިކުފާނު ވަޑައިގެންނެވީ މިއަދު އެވެ.
ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން ރައީސް މުއިއްޒުއަށް މަރުހަބާ ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ސެކްރެޓަރީ، ޕަވަން ކަޕޫރާއި އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިބްރަހިމް ޝަހީބުއާއި ރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރު އެވެ.
ރައީސް މުއިއްޒުގެ އިތުރުން ވެސް އަވަށްޓެރި ގިނަ ގައުމުތަކުގެ އިސްވެރިން މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވެޑައިގަތުމަށް ވަނީ މިއަދު ނިއުދިއްލީއަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހެ އާއި ސިޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރް އާއި ނޭޕާލުގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް އާއި ބޫޓާނުގެ ބޮޑުވަޒީރު ޝެރިންގް ޓޮބްގޭ ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފަ އެވެ. ރައީސް ވެރިކަމަށް ވަޑައިގެންނެވީ ވެސް ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ގައުމުން ބާލާނެ ކަމުގެ ވައުދާއެކު އެވެ.

އިންޑިއާގެ ބަދަލުގައި ރައީސް މުއިއްޒު ދަނީ ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރު ވެސް ކުރެއްވީ ޗައިނާއަށެވެ. އެ ދަތުރަށްފަހު ރައީސް ވަނީ އިންޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެސް ދީފަ އެވެ.
ނަމަވެސް ނިމިދިޔަ ހަފުތާގައި އިންޑިއާގެ އާންމު އިންތިހާބު، މޯދީ ކާމިޔާބުކުރެއްވުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓުގައި ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.












