މި އަހަރުގެ އަޟްހާ އީދު ދުވަސް މި މަހުގެ 16 އަށް އަވަސް ވުމާ ގުޅިގެން މި މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ރާއްޖޭގެ ކަލަންޑަރުގައި ކުރިން އޮތީ ބަލަމުންދި އިއްޔެ (ޖޫން 6،) އެވެ. ނަމަވެސް ސައުދީއަށް ހަނދު ފެނުމާ ގުޅިގެން ހައްޖު ދުވަސް އަންނަ ހުކުރު ދުވަހަށް އަވަސްވުމާއެކު، އީދު ދުވަސް ވެސް ވަނީ ޖޫން 16 އަށް އަވަސްވެފަ އެވެ.
އީދު ދުވަހަށް އައި ބަދަލާއެކު އާންމު އުސޫލުގެ ދަށުން ބަންދުވާނީ ޖޫން 16، 17، 18، އަދި، 19، އެވެ. ކުރިން އޮތް ގޮތުންނަމަ 20 ވަނަ ދުވަސްވެސް ބަންދުވާނެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި 20 ވަނަ ދުވަސް ބަންދުކުރަން ރައީސް މުއިއްޒު ނިންމެވީ، އެ ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ބަލައިގެން ގިނަ އަދަދެއްގެ މުވައްޒަފުން އީދު ބަންދަށް ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުތައް ހަމަޖައްސާފާވާނެތީ ދިމާވެދާނެ ދަތިތަކަށް ބެއްލެވުމަށްފަހު އެވެ.
މި ނިންމުމާއެކު އީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ ކުރިން ވެސް އޮތް ގޮތަށް ޖޫން 23، ވާ އާދިއްތަ ދުވަހު އެވެ.

މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ ކަލަންޑަރާއި ހަނދު ބަލާ ބެލުމާ ދިމާނުވެ އީދަކަށް ބަދަލުގެންނަން ޖެހުނު ފުރަތަމަ ފަހަރެވެ.












