ރާއްޖޭގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ބޭރުގެ ފަރާތްތަކަށް ދިނުމަކީ ވިޔަފާރިވެރިންނަށް ފައިދާވާނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިންނަށް ވާނެ އެއްވެސް ފައިދާއެއް ނެތްނަމަވެސް ސަރުކާރުގެ ވިސްނުން ހުރީ ވިޔަފާރިވެރިންނަށް ފައިދާވާނެ ގޮތަށް ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފި އެވެ.
ފޯނު މެދުވެރިކޮށް "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި އެޔޫނިއަނުގެ ރައީސް ހުސައިން ނަޝީދު ވިދާޅުވީ ބޭރުގެ ފަރާތްތަކަށާއި ޕްރައިވެޓް ކުންފުނިތަކަށް ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމާ މަސްވެރިންގެ ޔޫނިއަނުން ދެކޮޅު ހަދާފައި ވާނެ ކަމަށެވެ.
"ބޮޑު ކަންނެލި މަސްވެރިކަމަށް ލޭނު އަޅަން ހުއްދަ ދޭން މިކުރެވޭ މަޝްވަރާތަކުގައި އަޅުގަނޑުމެން މިނިސްޓަރީން އެދުނު އެދުމަށް އެކަމާ މަޝްވަރާ ކުރަން އިއްޔެ ދިޔައިން، އެކަމަށް އަޅުގަނޑުމެން އިންކާރު ކުރިން އެއީ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވީމާ،" ނަޝީދު ވިދާޅުވި އެވެ.
ލޭނެ އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ބޭރު މީހުންނަށް ހުޅުވައިލުމާ މެދު މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ބޮޑު ކަންނެއްޔަކީ ސަރުކާރު އެއްވެސް ކުންފުންޏަކުން ގަންނަ އެއްޗަކަށް ނުވުން ކަމަށެވެ.
ބޮޑު ކަންނެލި ގަންނަނީ ހަމައެކަނި ޕްރައިވެޓް ކުންފުނިތަކުން ކަމަށާއި މިހާރު ވެސް ރަނގަޅަށް ކަންނަލި ބޭވޭ ދުވަސްވަރެއްގައި ނަމަ އުޅެންޖެހެނީ ބާނާ ކަންނެލި ނުކިރިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަގަށް ބަލާއިރު، [ބޮޑު ކަންނެލީގެ] އަގަކީ ޕްރައިވެޓް ކުންފުނިތަކުން ބޭނުން ގޮތަކަށް އަނބުރާ އެއްޗެއް، އެ ބޭފުޅުން ބޭނުންވީމަ ބޮޑުކޮށްފައި ބޭނުންވީމަ ކުޑަކޮށްފައި އެކަހަލަ ގޮތަކަށް މި އޮންނަނީ، އޮންނައިރު [ޕްރައިވެޓް] ކުންފުނިތަކަށް ލޭނު އަޅަން ހުއްދަ ދިނީމާ މަސްވެރިންނަށް ވާނެ ގޮތަކާ ދޭތެރޭ ވިސްނަން އެބަޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ މީގެ ކުރިން ދިނުމުން ކަންހިނގައިދިޔަ ގޮތުގެ ހަނދާން އާއްކުރައްވައި ނަޝީދު ވިދާޅުވީ މިފަހަރު ހުއްދަ ދޭން ސަރުކާރުން މަސައްކަތް ކުރަނީ ކުރީ ފަހަރާ ހިލާފަށް ބޭރު އުޅަނދުފަހަރު ގެނެސްގެން ލޭނެ އަޅާ ގޮތަށް ކަމަށާއި އެހެން އެކަންކޮށްފި ނަމަ ރާއްޖޭގައި މަސްވެރިކަން ކުރަން ތިބި ދޯނިފަހަރުގެ ބޭނުމެއް ނޯންނާނެ ކަމަށެވެ.
ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން އަލުން ފަށަން މަސައްކަތް ކުރަނީ އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރުމަށް އެކި ފަރާތްތަކަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ދޭ ކޯޓާގެ ދަށުން ރާއްޖެއަށް ކަނޑައަޅާ ކޯޓާ ހަމަކުރަން ކަމަށް ބުނެ އެވެ.
އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރެވޭނެ ލިމިޓު ނުވަތަ މަސް ބޭވޭނެ އަދަދު އައިއޯޓީސީން ކަނޑައަޅަނީ ސައިންޓިފިކް ދިރާސާތަކަށް ފަހު އެވެ. އެއީ 2021 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާއިން އަމަލު ކުރަން ފެށި ގަރާރެއްގެ ދަށުން ކަނޑައަޅާ ކޯޓާއެކެވެ.
އެގޮތުން 2022 ގައި އެ ޖަމިއްޔާއިން ވަނީ 47،195 މެޓްރިކް ޓަނުގެ ކޯޓާއެއް ރާއްޖެއަށް ކަނޑައަޅައިފަ އެވެ. އެއީ ޔޫރަޕިއަން ޔޫނިއަން ނަގާފައި އެހެން ބަޔަކަށް ލިބުނު އެންމެ ބޮޑު ކޯޓާ އެވެ.
ނަމަވެސް އެ އަހަރު ރާއްޖެއިން ބޭރު ކުރެވުނީ އެ ކޯޓާގެ 61 އިންސައްތަ އެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު ރާއްޖެއިން ބޭރު ކުރީ 28،803 ޓަނުގެ ރީނދޫ އުރަހަ ކަންނެއްޔެވެ. އެހެންކަމުން އެ އަހަރު ވެސް އިތުރު 18،392 ޓަނުގެ މަސް ބޭނުމުގެ ފުރުސަތު ރާއްޖެއަށް އޮތެވެ.
"އެހެން ކަންތައްތައް ނުކޮށް ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކޮށްދެއްވާ"
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ފުރުސަތު ދިނުމަށްް އެންމެ ފުރަތަމަ ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާޗު 2010، ގަ އެވެ. ނަމަވެސް އެ ހުއްދަ ދޭން ފެށީ 2012 ވަނަ އަހަރު އެވެ.
ލޭނު އަޅައިގެން ރާއްޖޭގެ އީއީޒެޑުން 100 މޭލާއި 200 މޭލާ ދެމެދު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ގަވާއިދަށް އަމަލުކުރަން ފެށީ ނޮވެމްބަރު 2014، ގަ އެވެ. އެ ގަވާއިދުގެ ދަށުން ލައިސެންސް އޭރު ދޫކުރީ ހަމައެކަނި ދިވެހި ކުންފުނިތަކަށެވެ.
ނަމަވެސް ލޭނު އަޅައިގެން ކަންނެލި މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ ފަޅުވެރިންގެ 90 އިންސައްތައަކީ ބިދޭސީން ކަމަށް ހެދުން އެ ގަވާއިދުގެ ދަށުން އޮތީ ހުއްދަކޮށްފަ އެވެ. އެހެންވެ އޭރު ގިނަ ދޯނިފަހަރުގައި ހަރަކާތްތެރިވީ އެންމެ ދިވެއްސެކެވެ.
އެކަމުގެ ސަބަބުން އެ ގަވާއިދާއި ގާނޫނުތަކާ ހިލާފު އެތައް ކަމެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޭރު ހިނގި ކަމަށް އެކި ބައްދަލުވުންތަކުގައި މަސްވެރިކަމުގެ ދާއިރާ ބަލަހައްޓަވަން ތިއްބެވި ބޭފުޅުން ވިދާޅުވެފައިވެ އެވެ.
ލޭނު މަސްވެރިކަމަށް ނުކުންނަ އުޅަނދުތަކުން ގަވާއިދާއި ގާނޫނުތަކާ ހިލާފު އަމަލުތައް ހިންގާތީވެ ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ކޮމިޝަން އޮން މެރިޓައިމް އެފެއާސް އެންޑް ފިޝަރީޒްއިން ވެސް ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ މަސް ޔޫރަޕަށް އެކްސްޕޯޓު ކުރުން މަނާކުރާނެ ކަމަށް ވެސް ދިވެހި ސަރުކާރަށް އެންގި އެވެ.
އެ ސަބަބުތަކާ ހެދި، ލޭނު މަސްވެރިކަމަށް ލައިސެންސް ދޫކުރުން ހުއްޓައިލީ އެމްޑީޕީގެ މިދިޔަ ވެރިކަމުގައި، ޖުލައި 2019, ގަ އެވެ.
އޭރުގެ ހަނދާންތައް އައު ކުރައްވަމުން ނަޝީދު ވިދާޅުވީ އެކަން އޭރު އެހެން ހިނގާފައި އޮތްއިރު، މިހާރު ވަކީން އެކަން ނުހިނގާނެކަމުގެ އޮތީ ކޮން ޔަގީންކަމެއްތޯ ސުވާލު އުފެދޭ ކަމަށެވެ. ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ބޭރު ފަރާތްތަކަށް ދިނުމުގެ ބަދަލުގައި ދިވެހި ކަންނެލި މަސްވެރިންނަށް ގޮތްތަކެއް ހޯދައިދީފި ނަމަ ފައިދާ މާބޮޑު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާބޮޑެތި ކަންތައްތަކެއް ސަރުކާރުން ކޮށްނުދިނަސް ނަޝީދު ވިދާޅުވި ގޮތުގައި ހަމައެކަނި މި ސަރުކާރުގެ މެނިފެސްޓޯގައި ހުރި ވައުދުތައް ފުއްދައިދިނަސް ވަރަށް ބޮޑު ހައްލެއް ލިބޭނެ އެވެ.
"އެ ފުރުސަތުތަކަކީ، ވަރަށް ކްލިއާކޮށް އެއޮތީ ސަރުކާރުގެ ވައުދުތައް ފެންނަން، މިފްކޯއަށް ބޮޑު ކަންނެލި ގަތުން، ފްލޯ ޕްރައިސްއެއް ކަނޑައެޅުން 80ރ. އާއި 100ރ. އާ ދޭތެރޭގެ، ބޭސް ރޭޓުގައި ތެޔޮ ދިނުން، މިއީ އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫން، ވަރަށް ސާފުކޮށް ކަޅާއި ހުދުން ފެންނަން އެއޮތީ ސަރުކާރުގެ ރިޔާސީ މެނިފެސްޓޯ،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރަށް ދެންނެވިން ސަރުކާރުގެ މެނިފެސްޓޯގައި ވެފައި އޮތް ވައުދުތައް ފުއްދަން މަސައްކަތް ކޮށްދެއްވާށޭ އެހެން ކަންތައްތައް ނުކޮށް، އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ [ސަރުކާރުން] ޕްރައިއޮރިޓީ ދެނީ ވިޔަފާރިވެރިންގެ ފަރާތުން އަންނަ ކަންތައްތަކަށޭ، އާންމު ރައްޔިތު މީހާއަކަށް ޕްރައިއޮރިޓީއެއް ނުދެޔޭ،"
މިހާރުވެސް ރާއްޖޭގައި ކަންނެލި މަސްވެރިކަން ކުރާ 137 އުޅަނދު އޮތް ނަމަވެސް ކަންނެލި މަސްވެރިކަން ކުރަން އަދިވެސް ބޭނުން ކުރަނީ ކާބަފައިން ވެސް ބޭނުންކުރި ވަސީލަތްތައް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން ލޭނު މަސްވެރިކަން ކުރަން ބޭރުގެ އުޅަނދުފަހަރަށް ހުޅުވައިލުމުގެ ބަދަލުގައި ދިވެހި ދޯނިފަހަރު ތަރައްގީކޮށް ކަންނެލި މަސްވެރިކަން ފުޅާ ކުރަން ސަރުކާރުން މަސައްކަތް ކޮށްފި ނަމަ ރާއްޖެއަށް އައިއޯޓީސީން ކަނޑައަޅާ ކޯޓާ ހަމަވާ ވަރަށް މަސް ވެސް ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ ޒިންމާއެއް މަސްވެރިން މިކަމަށް ތަމުރީނުކޮށްދިނުމަކީ، ކޮންމެހެން ރާއްޖެއިން ބޭރުން ލޭނު އަޅާ ބޯޓުތަކެއް ރާއްޖެ ގެނެސްގެން، އެ އެއްޗެހި ނެގުމުގެ ބޭނުމެއް އަޅުގަނޑަކަށް ނުފެނޭ، އެއަށްވުރެ މާ ރަނގަޅު ވާނެ ދިވެހި މަސްވެރިންނަށް އެ ތަމުރީނު ދީގެން އެ އިކުއިޕްމެންޓް ސަރުކާރުން ޕްރޮވައިޑު ކޮށްދެވޭނެ ފަސޭހަ ގޮތްތަކެއް މަސްވެރިންނަށް ހޯދައިދިނީފައި އެގޮތަށް އެ ފުރުސަތު ހުޅުވާލިޔަސް އަޅުގަނޑަށް ހީވަނީ މާރަނގަޅު ވާނެހެން،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑުގައި ލޯބޮޑު ކަންނެލި ރަނގަޅު އަދަދަކަށް އެބަހުރިކަން މިހައިތަނަށް ކުރެވިފައި ހުރި ދިރާސާތަކުން ސާބިތުވެފައިވާ ކަމަށާއި އެސޮރުމެން ބާނައިގެން ބޭރު ކުރަންވާނީ ދިވެހީންނަށް އެކަމުން އެންމެ މަންފާ ބޮޑު ގޮތެއް ހޯދައިގެން އެގޮތަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެގޮތަކީ ދިވެހި އުޅަނދުފަހަރު ތަރައްގީކޮށް ލޭނުގެ މަސްވެރިކަން ކުރެވޭ ފަދަ ވަސީލަތްތައް ހޯދޭނެ މަގެއް މަސްވެރިންނަށް ސަރުކާރުން ފަހިކޮށްދިނުން ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ވަކި ބަޔަކަށް މަންފާއެއް ލިބޭ ގޮތަކަށް ބޭރުގެ އުޅަނދުފަހަރަށް ރާއްޖޭގެ ކަނޑުގައި ލޭނު އެޅުމުގެ ހުއްދަ ދިނުމުން ދިވެހި މަސްވެރިންނަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މަސްވެރިންނަށް ފައިދާހުރި ގޮތަކަށް މިކަން ކުރެވޭނެ ގޮތްތަކެއް އެބައޮތޭ ސަރުކާރުން މަސައްކަތް ކޮށްފިއްޔާ، ވަކި ވިޔަފާރިވެރިންތަކެއް، ވަކި ބޯޓެއް، ވަކި ކުންފުންޏެއް، ބޭނުންވާ ކަންނެލިކޮޅު ހޯދަންވެގެން، ދެން ކޯޓާގެ ވާހަކަ ވެސް އެ ބޭފުޅުން [ސަރުކާރުން] ދައްކަވާ އެބަ، އެކަމަކު އޭތީގައި ދިވެހި މަސްވެރި މީހާއަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ." ނަޝިދު ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑުގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރީން ދަނީ ބޮޑު ކަންނެލި ޔޫނިއަންގެ އިތުރުން ވެސް ކަމާގުޅުންހުރި އެހެން ފަރާތްތަކާ ބައްދަލު ކުރަމުންނެވެ. އެކަމުގައި ގޮތެއް ނިންމާނީ ހުރިހާ އެންމެންގެ ހިޔާލު ހޯދުމަށްފަހު ކަމަށް ފިޝަރީޒް މިނިސްޓަރީން ބުނެ އެވެ.












