އެޕާޓުމެންޓެއް ކުއްޔަށް ދޭން ކަމަށް ބުނެ މީހަކު ގެންގޮސް އެމީހާ އަތުން ފައިސާ ފޭރެނު ބަޔަކު ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފި އެވެ.
ފޭރުނު މީހުން ހިފަހައްޓައިފައި ވަނީ އާންމުންގެ ބަޔެކެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ހިފަހައްޓައިފައި ތިބި މީހުން އެހެން މީހެއްގެ އަތުން ވެސް އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ.
ފުލުހުން ހައްޔަރު ކޮށްފައި ވަނީ 32 އަހަރުގެ ދެމީހުންނާއި 36 އަހަރުގެ މީހަކާއި 45 އަހަރުގެ މީހެއް ކަމަށެވެ. އެ ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައި ވާގޮތުގައި އެ ހަތަރު މީހުން ހިފެހެއްޓީ ހިޔާގެ އެއްވަނަ ޓަވަރުގައި ކުއްޔަށް ދޭ އެޕާޓުމެންޓެއް ހުރި ކަމަށް ބުނެ އެތަނަށް މީހަކު ގެންގޮސް އޭނާ ބަރަހަނާ ކުރުމަށްފަހު ފޭރެން މަސައްކަތް ކުރުމުން، އެމީހުންގެ ވަކިތަކުން ސަލާމަތްވެގެން ގޮސް އާންމުންގެ ބަޔަކަށް އެ މައުލޫމާތު ދިނުމުންނެވެ.
ފުލުހުން އެ ސަރަހައްދަށް ދިޔައިރު ފޭރެން އުޅުން ހަތަރު މީހުން ތިބީ ހިފެހެއްޓުމަށްފަހު ބަރަހަނާ ކޮށްފައި ކަމަށް އެ ސަރަހައްދުގައި ހުރި މީހަކު "އަދަދު" އަށް މައުލޫމާތު ދިނެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އޮޅުވާލައިގެން ހިޔާގެ ޓަވަރަކަށް ގެންގޮސް މީހުން އަތުން ފޭރޭ މައްސަލަ މީގެ ކުރިން ވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ރައްކާތެރިވެ ތިބުމަށް އާންމުންނަށް އިލްތިމާސް ކޮށްފަ އެވެ.











